ތިބާ ބޯފެންފޮދު ބޯގޮތުންވެސް ޘަވާބު ހޯދެން އެބައޮތެވެ! އަވަހަށް ދަސްކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ތިބާ ބޯފެންފޮދު ބޯގޮތުންވެސް ޘަވާބު ހޯދެން އެބައޮތެވެ! އަވަހަށް ދަސްކޮށްލާށެވެ!

 

ސުވަރުގެ އެދޭމީހާ އަބަދުވެސް ވިސްނަންވީ ކުރާ ކޮންމެ ކަމަކުން ޘަވާބު ހޯދުމަށެވެ. ޘަވާބު ލިބޭނެ ގޮތަށް ކުރުމަށެވެ. ދިރިހުރުމަށްޓަކައި ފެންބޯން ޖެހެއެވެ. އެއީ ކުރަން މަޖުބޫރު ކަމެކެވެ. ނިކަން ވިސްނައިލަބަލާށެވެ! ފެންބުއިމުންވެސް ޘަވާބު ހޯދެން އެބައޮތެވެ. ސުންނަތާއި އެއްގޮތަށް ޢަމަލުކުރުމުން ޘަވާބުދެއްވަވާނެތެވެ. މިހުރީ އިތުރު ބުއަކާއިނުލައި ކޮންމެ ދުވަހަކު ކިހައިގިނަ ޘަވާބު ހޯދެން އޮތްތައް ނޫންހެއްޔެވެ؟

ފެންބޮވައިގެންފައި ހުންނަ މީހަކަށް ފެންތަށްޓެއް ލިބިއްޖެނަމަ ބުއިމަށް އަވަސްވެގަނެވެއެވެ. އިށީންނަންވެސް ހަނދާނެއް ނުހުރެއެވެ. ބިސްމިﷲ ކިޔަންވެސް ހަނދާނެއް ނުހުރެއެވެ.

އެންމެ ދެރަކޮށް ކުރެވޭ އެއްކަމަކީ ފެންތަށި އެއްފަހަރުން ހުސްކޮށްލެވޭ ކަމެވެ. ބައެއް މީހުން 500 އެމްއެލްގެ ފެންފުޅިވެސް އެކުގައި އެއްފަހަރުން އެބަ ހުސްކޮށްލައެވެ. މިހުރީ ކުރެވޭ ވަރަށް ދެރަ ކަންކަމެވެ.

"ޖަމަލު ބޯހެން އެއްފަހަރާ (ފެން) ނުބޯށެވެ. އެހެންނަމަވެސް ދެފަހަރުން ނުވަތަ ތިންފަހަރުން ބޯށެވެ. ބުއިމުގެ ކުރިން ބިސްމިﷲ ކިޔާށެވެ. ބޮއި ނިމުމުން الله އަށް ޙަމްދު ކުރާށެވެ." --ޙަދީޘް ރިވާ ކުރެއްވީ އިމާމް ތިރްމިޛީ ރަޙިމަހުالله.

އެއްފަހަރުން ފެންތަށި ބުއިމުން އެތެރެހަށީގެ ގުނަވަންތަކަށް ލިބޭ ގެއްލުންތަކުގެ ވާހަކަތަކާއި އޮކްސިޖަންލެވެލަށް ކުރާ ނޭދެވޭ އަސަރުގެ ވާހަކައާއި އަދި ކިޑްނީއަށް ލިބޭ ގެއްލުންތަކުގެ ވާހަކަތައް ސައިންސްވެރިންނާއި ޑޮކްޓަރުން މިއަދު އެގެންދަނީ ހާމަކުރަމުންނެވެ. އެގޮތުން ކުރެވިފައިވާ ދިރާސާތައް ހާމަކުރުމުގެ އިތުރުން ބޮޑެތި ބޯ ފޮތްތައްވެސް އެގެންދަނީ ޝާއިޢުކުރަމުންނެވެ. ވީމާ އެކަންކަމުގެ ތަފްޞީލަށް ދާކަށް ނެތީމެވެ. ޝައުޤުވެރިވާ މީހުން އެލިޔުންތައް ހޯދައިގެން ކިޔައިލާށެވެ!

ސައިންސް ކުރިއަރައިދާވަރަކަށް އެނގެމުން އެދަނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުގެ ތެދުކަމެވެ. ކޮންމެއަކަސް މިއަދު ގިނަ ބައަކަށް މިފަދަ ޙަދީޘްފުޅުތަކަށް ޢަމަލުނުކުރެވޭކަން އެއީ އެންމެ ދެރަ އެއްކަންތަކެވެ. ފެންބުއިމަކީވެސް ސުންނަތާއި އެއްގޮތަށް އެކަންކުރުމުން ޘަވާބު ދެއްވަވާނެ ކަމެކެވެ. ވީމާ އެކަމުންވެސް ލިބެން އޮތް ވީހާ ގިނަ ޘަވާބެއް ހޯދަން މަސައްކަތްކުރާ ބައަކަށްވަމާ ހިނގާށެވެ.

---އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން