ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމައި އާއްމުންނަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމައި އާއްމުންނަށް ހުޅުވާލައިފި

މާލޭގެ މައި މަގެއް ކަމަށްވާ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި، އެ ސަރަޙައްދު އާއްމުންގެ ދަތުރުފަތުރަށް ހުޅުވާލައިފި އެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) އިންނެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި އެމްޓީސީސީން ތަރައްޤީކުރީ މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަޙައްދު ކަމަށްވާ އެމްއެމްއޭ (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) ސަރަޙައްދެވެ. މި ސަރަޙައްދުގައި އިއްޔެ ވަނީ ތާރު އެޅުމުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި، މިއަދު އެ ސަރަޙައްދު އާންމުންނަށް ހުޅުވާލާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. ފުރަތަމަ ފިޔަވަހީގައި ޖުމްލަ 140 މީޓަރުގެ ސަރަޙައްދެއްގައި ތާރު ވަނީ އަޅާފައެވެ. މަގު ހުޅުވާލުމުގެ ކުރިން، ޓްރެފިކް ނިޝާންތަކުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތާއި މަގުގައި ޓްރެފިކް ނިޝާން ކުރެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާފަ އެވެ.

ފުރަތަމަ ފިޔަވަހި އާއްމުންނަށް ހުޅުވާލުމާއެކު، ދެވަނަ ފިޔަވަހީގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި އަންނަ ހަފްތާގައި ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށޭނެ އެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯޓު ހާބަރާ ހަމައަށް ވާސަރަޙައްދެވެ. އެއީ 250 މީޓަރުގެ ސަރަޙައްދެކެވެ. ދެން ފަށާ ސަރަޙައްދުގައި ވެސް އެއްގަމު ތޮށީގެ މަސައްކަތާއެކު ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ނެޓްވޯކުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މި މަޝްރޫޢަކީ މާލޭގެ މަލަމަތީގެ ހިތްގައިމުކަން ބަދަލުކޮށްލާނެ މަޝްރޫޢެއް ކަމަށް ސިފަކުރެވިފައިވާ މަޝްރޫޢެކެވެ. މަގު ތަރައްޤީކުރުމުގެ މުޅި މަސައްކަތް ކުރިއަށްގެންދާނީ ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. އެގޮތުން ނޯތު ހާބަރުން ފެށިގެން އެހިސާބަށް 1088 މީޓަރު ސަރަޙައްދު ތަރައްޤީކުރާނެ އެވެ. ޖުމްލަ ފަސް ސެގްމެންޓް ހިމެނޭ މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ.

މިއަދު އޮންލައިން