ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންޓެއް ހޯދުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރި ކަމާބެހޭ ވުޒާރާ (މާލީ ވުޒާރާ) އިން އިއުލާންކޮށްފިއެވެ.
މި މަސައްކަތަކީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އެދިލެއްވުމުގެ މަތިން ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން މަޝްރޫޢުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، މި ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ. މި މާސްޓަރ ޕްލޭންގެ ދަށުން ވެރިކަން ކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް މިހާރު ވަނީ ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށަހެޅުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. ކޮންސަލްޓަންޓެއް ހޮވާނީ، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިޔުސީބީއެސް) މެތަޑާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.
ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ހަދަން ޝައުޤުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށެވެ.