ރާއްޖޭގައި މަރުވާ މީހުންގެ 70 އިންސައްތައަކީ، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުން: ޞިއްޙީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
ރާއްޖޭގައި މަރުވާ މީހުންގެ 70 އިންސައްތައަކީ، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުން: ޞިއްޙީ ވަޒީރު

ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން ގިނަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާދިނުމުގައި ޢަމަލުކުރަންޖެހޭ ޤައުމީ މިންގަނޑު އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހާމަކުރެއްވި ގޮތުގައި ރާއްޖޭގައި މަރުވާ މީހުންގެ 70 އިންސައްތައަކީ މިފަދަ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ.

ވަޒީރު ވަނީ ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާދިނުމުގައި މިންގަނޑެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މިފަދަ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް މަތިވުމާއެކު، މި ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ޤައުމީ ފެންވަރުގެ މިންގަނޑެއް އެކުލަވާލުން ކޮންމެހެންވެސް މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަލަށް އެކުލަވާލި މިންގަނޑާއެކު ކެންސަރާއި، ކިޑްނީއަށް ޖެހޭ ނުރައްކާތެރި ބަލިތައް ފަދަ ގައިން ގަޔަށް ނާރާ ބަލިތަކަށް ދެމެހެއްޓެނިވި ކަމާއެކު ކޮލިޓީ ފަރުވާދެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، 2021 ވަނަ އަހަރު ދުނިޔޭގައި މަރުވި 43 މިލިޔަން މީހުންގެ ތެރެއިން 18 މިލިޔަން މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 70 އަހަރު ނުވަނީސް މަރުވި މީހުން ކަމަށެވެ. އެހެންކަމުން މިފަދަ ބަލިތަކުން ދުރާލާ ރައްކާތެރިވެ، ކޮލިޓީ ޞިއްޙީ ފަރުވާ ދެވޭކަން ކަށަވަރު ކުރުމަށް ޤައުމީ މިންގަނޑެއް އޮތުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމީ މިންގަނޑުގެ ސަބަބުން ލިބޭނެ ފައިދާތަކަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވިއެވެ: "މި މިންގަނޑާ އެއްގޮތަށް ސިޔާސަތުތައް ތަންފީޒުކޮށް ފަރުވާތައް ބައްޓަން ކުރެވިއްޖެނަމަ ރައްކާތެރި ކޮލިޓީ ޞިއްޙީ ފަރުވާ ފޯރުކޮށްދެވި، ބަލިތަކުގެ ސަބަބުން ދިމާވާ އަވަސް މަރުތައް މަދު ކުރެވޭނެ. އަދި ޕްރޮކިއުމެންޓާއި، އެތެރެ ކުރަންޖެހޭ ބޭހާއި، ޞިއްޙީ އާލާތްތައް އެންމެ އެކަށީގެންވާ ޚަރަދު ކުޑަ ގޮތަކަށް އެތެރެ ކުރުމަށް މަގުފަހިވާނެ."

މި ޤައުމީ މިންގަނޑަކީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ފަރުވާއަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޞިއްޙީ ޚާދިމުން ދެކެއެވެ. މި މިންގަނޑުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން