ދުޢާ އާ ޛިކުރުކުރާއިރު ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ގޮތަށް ކުރުމަކުން ކުރާނެ ފައިދާއެއް ނެތް!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ދުޢާ އާ ޛިކުރުކުރާއިރު ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ  ގޮތަށް ކުރުމަކުން ކުރާނެ ފައިދާއެއް ނެތް!: ޑރ. ޔާސިރު ޤާޟީ

ބައެއް މީހުންނަކީ ޢާންމުކޮށް ޛިކުރުތައް ކިޔައި އުޅޭ މީހުންނެވެ. ވީމާ ކިޔާލަން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ. މިނިޓަކު އެތައް ފަހަރަކުވެސް ސުބްޙާނަﷲ ކިޔައިލެވިދާނެއެވެ. ނަމަވެސް ކިޔަނީ އެކަމަށް ސަމާލުކަންދީގެން ކަމަށް ނުވާނަމަ އެ ޢަމަލު ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. މޮޅު އިތުރުވެގެންވަނީ ﷲ ތަޢާލާ ނުވަތަ ޛިކުރުގެ މާނަ ހިތްމައްޗަށް ގެނެސްގެން ޛިކުރުކުރުމެވެ.

ކިތަންމެ ގިނައިން ޛިކުރުތައްކީ ނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ ﷲ ތަޢާލާ ހަނދުމަކުރަމުން ޛިކުރުކިޔުމުންނެވެ. މިއީ ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ.

ހަމައެއާއިއެކު ކުރާ ދުޢާ ހިތްމައްޗަށް ނުގެނެސް، ﷲ ތަޢާލާ ހިތްމައްޗަށް ނުގެނެސް ކުރާ ދުޢާވެސް ޢިޖާބައެއް ނުކުރައްވަވާނެތެވެ.

ވީމާ އާޚިރަތަށް ގެންދިއުމުގެ ބޭނުމުގައި ޛިކުރު ކިޔާއިރުގައާއި ބޭނުންތައް ފުއްދަވައި ދެއްވެވުން އެދި ދުޢާކުރާއިރުގައި މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. މިސާލަކަށް ބުނާނަމަ މީހަކުގެ ކިބައިން ކަމަކަށް އެދެން ކުރަންޖެހޭ ކަމެއް އޭނާ ބުނާ ގޮތަށް ނުކޮށް އޭނާގެ ކިބައިން އެބޭނުމެއް ނުފުދޭނެއެވެ. ޛިކުރު ކުރުމުގައާއި ދުޢާކުރުމުގައި ވެސް ފައިދާކުރާނީ ﷲ ތަޢާލާ އަނގްވާފައިވާ ގޮތަށް ޢަމަލުކުރުމުންނެވެ.

ޛިކުރުކުރާއިރުވެސް އަދި ދުޢާކުރާއިރުވެސް އަވަސް އަރުވައިނުލާށެވެ! ލަސްލަހުން ކުރާށެވެ! މިކުރަނީ ކޮންކަމެއްކަން ހިތްމައްޗަށް ގެނެސްގެން ކުރާށެވެ.

--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން