ޢިބްރަތްތެރި ވާހަކަ: އެއްވެސް ވަރަކަށް ތިމާދެކެ ލޯބިނުވާ އަންހެނަކާ ކައިވެނިކޮށް އޭނާގެ ހިތުގެ ލޯބި އެންމެ ފުންމިނުން ކާމިޔާބުކުރި ފިރިހެނެއްގެ ވާހަކަ- އެންމެން ދަސްކުރަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޢިބްރަތްތެރި ވާހަކަ: އެއްވެސް ވަރަކަށް ތިމާދެކެ ލޯބިނުވާ އަންހެނަކާ ކައިވެނިކޮށް އޭނާގެ ހިތުގެ ލޯބި އެންމެ ފުންމިނުން ކާމިޔާބުކުރި ފިރިހެނެއްގެ ވާހަކަ- އެންމެން ދަސްކުރަންޖެހޭ ފިލާވަޅެއް!

އަހުރެންގެ ކައިވެނިކުރުވީ މައިންބަފައިންނެވެ. މިބުނަނީ އަހުރެންނަށް މަޖުބޫރުކުރުވައިގެންނެވެ. ކައިވެނިކުރުވާފައި އޭނާއާއިއެކު ފޮނުވައިލީވެސް އަހުރެން ނުދާން ހުއްޓައެވެ. އެހެންވެ އެގެއަށް ގޮސްފައި އަހުރެން ފިރިމީހާއާއިމެދު ކަންކަންކުރީ އަންތބަކަށް ކަންކަން ކުރެވޭނެ އެންމެ ގޯސްކޮށެވެ.  

އޭނާއާއިއެކު ރެއެއްވެސް ނުކުރަމެވެ. ލޯބިވުން ދުރުގައި ބާއްވާފައި ރުޅިވެރިކަމާއިއެކު ނޫނީ ބަހެއްވެސް ނުބުނަމެވެ. އެއްވެސް ކަމެއްވެސް ކޮށެއް ނުދެމެވެ. ޙައިރާންވާންޖެހުނު ކަމަކީ އެއިން އެއްވެސް ކަމަކާއިހުރެ އޭނާ ރުޅި ނާންނަކަމެވެ. ލޯބިން ވާހަކަދައްކާ ކަމެވެ. އަހުރެންގެ ލޯބިހޯދަން މަސައްކަތްކުރާކަމެވެ. އެންމެ ބޮޑަށް ޙައިރާންވާންޖެހުނީ އޭނާއަކީ ތަނަވަސް މީހަކަށްވެހުރެވެސް އެގޮތަށް ކަންތައްކުރީތީއެވެ.  

އެކަހަލަ ގޮތަކަށް އުޅެމުން އަންނަނިކޮށް އަހުރެންގެ ހިތް ބަދަލުވާން ފަށައިފިއެވެ. އޭނާދެކެ ލޯބިވެވެން ފަށައިފިއެވެ. މަޑުމަޑުން ގޮސް ދެމީހުންގެ މެދުގައި އެންމެ ގާތް ގުޅުން އުފެދިއްޖެއެވެ. އުފަލުގައި ދެމީހުންނަށް އެކުގައި އުޅެވެން ފަށައިފިއެވެ.    

އެހިސާބުން އެއްރޭ ސުވާލެއް ކުރީމެވެ. "އަހުރެން އެހާގޯސްކޮށް ކަންކަންކުރިއިރުވެސް އަހުރެންދެކެ ރުޅިނައީ ކީއްވެގެން ހެއްޔެވެ؟" އޭނާގެ ޖަވާބަކަށްވީ "އަހުރެން ތިބާގެ ކައިވެންޏަށް ތިބާގެ މައިންބަފައިންގެ ކިބައިން އެދުނީ އަހުރެން ތިބާދެކެ ލޯބިވާތީއެވެ. ބައެއް ފަހަރު އަނެކާގެ ލޯބި ޙާޞިލުކުރުމަކީ އެހާފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. އެއީ ޖިހާދެކެވެ. އަދި ރުޅިވެރިކަން ނައްތައިލެވެނީ ރުޅިވެރިކަމަކުން ނޫނެވެ. ލޯބިންނެވެ. ރުޅިނައިސް ކެތްތެރިވީ އެހެންވެގެންނެވެ."  

"އަދި އެއްވާހަކަ ބުނެލާނަމެވެ! ތިބާގެ މައިންބަފައިން މިދާއިހަމައަށްވެސް އަހުރެންގެ އަތުން އެއްވެސް އެންމެ ރުފިޔާއަކަށްވެސް ނުއެދެއެވެ. އެދުނީ އެންމެ ކަމަކަށެވެ. އެއީ އުފަލުގައި ތިބާ ގެންގުޅުމެވެ. އިރާދަކުރެއްވިއްޔާ އެކަމަށް އަހުރެންވީ ވަޢުދު ފުއްދާނަމެވެ."  

އެހިސާބުން މައިންބަފައިންގެ މައްޗަށް ހިތްސާފުވިއެވެ. ކުރިން ހީކޮށްގެންހުރީ ފިރިމީހާގެ އަތުން ފައިށާތަކެއް އަތުލާފައި ކުރުވި ކައިވެންޏެއް ކަމަށެވެ. 

ކޮންމެއަކަސް މިހާރު އަހުރެމެންގެ ކައިވެންޏަށް 12 އަހަރުވެއްޖެއެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. ފިރިމީހާގެ ހެޔޮކަން އިތުރުވުން ނޫން ބަދަލެއް ނައުދެއެވެ.

 

ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން