ގާތްތިމާގެ މީހުން ފާފައެއް ކުރުމަށް ހިތްވަރުދޭނަމަ ގުޅުންބޭއްވިދާނެތަ؟: ޝައިޚް ފަހްދް އަލް ކަންދްރީ

ކިޔުމަށް ހޭދަވާނީ 5މ 17ސ
ގާތްތިމާގެ މީހުން ފާފައެއް ކުރުމަށް ހިތްވަރުދޭނަމަ ގުޅުންބޭއްވިދާނެތަ؟: ޝައިޚް ފަހްދް އަލް ކަންދްރީ

ޢާއިޝަތު ރަފާޙް ޢަލީ

 

ޝައިޚް! އަޅުގަނޑުގެ ކުރިމަތީގައިވާ މައްސަލައަކީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެކެވެ. އަޅުގަނޑުގެ ޢާއިލާގެ ބައެއް މެންބަރުން، އަޅުގަނޑު އެބައިމީހުންނާ އެކުގައި ވަގުތު ހޭދަކުރާއިރު، އަޅުގަނޑަށް ނުރަނގަޅު ކަންތައްތަކަށް ބާރުއަޅައި، އިސްލާމްދީނުގައި މަނާކުރެވިފައިވާ ކަންތައްތަކަށް އަޅުގަނޑު ވައްދަން މަސައްކަތްކުރެއެވެ. މިފަދަ ޙާލަތެއްގައި، ޢާއިލީ ގުޅުން ދެމެހެއްޓުމުގެ ގޮތުން އެފަދަ މީހުންނާ ގުޅުން ބޭއްވުމަކީ އިސްލާމީ ނަޒަރަކުން ރަނގަޅު ކަމެއްތޯ އަޅުގަނޑު ދަންނަވާލަން ބޭނުންވެއެވެ. އަދި މިކަމުގައި އަޅުގަނޑު ޢަމަލުކުރަންވީ ގޮތެއް އިރުޝާދު ދެއްވުން އެދެމެވެ." 

ޖަވާބު:  

"ހަފްތާއަކު އެއްފަހަރު ޢާއިއިލާއާ ގުޅުން ބަދަހިކުރުމަށް ޒިޔާރަތްކުރުމަކީ އަޅުގަނޑުގެ ލަފައެވެ. މިގޮތަށް ޢަމަލުކުރުމަށް ދެ މުހިންމު ސަބަބު ވެއެވެ. އޭގެ ތެރެއިން ފުރަތަމަ ސަބަބަކީ، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ސުވަރުގެ ލިބުމުގެ ވަސީލަތެއް ކަމުގައިވުމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ، ރަޙިމުގެ ގުޅުން ކަނޑާލާ މީހަކު ސުވަރުގެއަކަށް ނުވަންނާނެ ކަމަށެވެ. ދެވަނަ ސަބަބަކީ، އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ސަބަބުން، ސީދާގޮތުންނާއި ނުސީދާގޮތުން އެބައިމީހުންނަށް މަގުދެއްކުމުގެ ފުރުޞަތު ލިބި، ނަޞޭޙަތްތެރިވުމުގެ މަގު ފަހިވެގެންދިއުމެވެ. އަދި މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ސަބަބުން، އެބައިމީހުންގެ ކިބައިގައި ހެޔޮ ޢަމަލުތަކަށް ލަދުވެތިވުމުގެ އިޙްސާސް އުފެދިދާނެއެވެ. 

ނަމަވެސް، އަޅުގަނޑު ވަރަށް މުހިންމު ނަޞޭޙަތެއް އަރުވަމެވެ. އެއްވެސް މަޖިލީހެއްގައި، މާތްﷲގެ ބަސްފުޅުތަކަށް ނުވަތަ މުޙައްމަދުގެފާނުގެ ސުންނަތަށް ފުރައްސާރަކުރާ އަޑު އިވިއްޖެނަމަ، އެއީ މަޖާޒީ ގޮތުން ބުނެވޭ އެއްޗެއް ކަމުގައި ވިޔަސް، ވަގުތުން އެތަނުން ނުކުތުމަށް ނަޞޭޙަތްތެރިވަމެވެ. ހަމަކަށަވަރުން، ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މިކަމާ ގުޅޭގޮތުން ނަޞޭޙަތް ދެއްވާފައިވެއެވެ.                

ﷲ ތަޢާލާ އަންޢާމް ސޫރަތުގެ 68 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ ﴿٦٨﴾‏

މާނައީ: "ތިމަންރަސްކަލާނގެ آية ތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާނދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ! އަދި شيطان އާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނު ނީންނަވާށެވެ! (68)" 

ﷲ ތަޢާލާ ނަޙްލު ސޫރަތުގެ 127 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَاصْبِرْ وَمَا صَبْرُكَ إِلَّا بِاللَّهِ ۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِي ضَيْقٍ مِّمَّا يَمْكُرُونَ ﴿١٢٧﴾‏

މާނައީ: "އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި اللَّه ގެ ވާގިފުޅުން މެނުވީ، ކަލޭގެފާނު ކެތްތެރިވެވަޑައިގަތުމެއް ނުވެތެވެ. އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި އެއުރެން ރާވާ މަކަރުވެރި ރޭވުންތަކުން ހިތްޕުޅުދަތިވުމެއްގެ ތެރޭގައި، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! (127)" 

"ކީރިތި ޤުރުއާނުން އަޅުގަނޑަށް އުނގަންނައިދެނީ މި ދުނިޔޭގައި އެހެން މީސްތަކުންނާ އެކުވެ އުޅުމަކީ ކޮންމެހެން މުހިންމު ކަމެއްކަމެވެ. އާއިލާއާއި ރަޙްމަތްތެރިންނާ އެކު ވިޔަސް، ނުވަތަ ވަޒީފާގެ މާޙައުލުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާ އެކު ވިޔަސް، މި ދުނިޔޭގައި އުޅުމަށް ކެތްތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. މިފަދަ ގުޅުންތަކުގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިވުމަކީ އިންސާނީ ދިރިއުޅުމުގެ މުހިންމު ބައެކެވެ." 

އެހެންކަމާއެކުވެސް ތިމާގެ ޢަޤީދާއަށް ގެއްލުންވާ ނުވަތަ ފާފައެއް ކުރަން ހިތްވަރރުލިބޭ މަޖިލީހެއްގައި ބައިވެރިވުމެއް ނެތެވެ. އެފަދަ ވާހަކަތައް އަޑުއެހުމެއްވެސް ނެތެވެ. ގާތް ތިމާގެ ކަމުގެ ގުޅުން ދަމަހައްޓަން އޮތީވެސް އިސްލާމް ދީނުގައި ޘާބިތުވެ ހުރެގެންނެވެ. ކިތަންމެ ގާތް މީހަކުނަމަވެސް ފާފައެއްކުރަން ހިތްވަރުދޭނަމަ އެކަމަކަށް ދެކޮޅުހަދަންޖެހޭނެއެވެ.  

އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އިބަރަސްކަލާނގެ حضرة އަށް އެދެނީ، ހެޔޮޢަމަލުތައް ކުރުމަށާއި، ނުބައިކަންތަކުން ދުރުހެލިވެ، ފަޤީރުންނަށް ލޯބިކޮށް، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! އެހެންބަޔަކު امتحان ކުރެއްވުމަށް އިބަރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ފަހެ، އަޅަމެން ފިތުނައެއްނެތި، އަޅަމެން ކަލޭގެފާނުގެ އަރިހަށް ގެންދަވާނދޭވެ!

މިއަދު އޮންލައިން