އިންސާނުން ތިބެނީ ދެފަޅިއެއްގައެވެ. އެއްފަޅިއަކީ ﷲ ތަޢާލާގެ ފަޅިއެވެ. އަނެއްފަޅިއަކީ ޝައިޠޯނާގެ ފަޅިއެވެ. 3 ވަނަ ފަޅިއެއް ނެތެވެ. އެހެނީ އެމީހަކު ހުރީ ﷲ ތަޢާލާގެ ފަޅީގައި ނޫންނަމަ އެމީހަކަށް އެހުރެވެނީ ޝައިޠޯނާގެ ފަޅީގައެވެ.
މުސްލިމުންނަކީވެސް އިންސާނުންނެވެ. ވީމާ ކޮންމެ މުސްލިމަކަށްވެސް ފާފައެއް ކުރެވިދާނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ ބިރެއްނެތި ފާފަކުރުންމަތީގައި ދެމިހުންނަނަމަ އެމީހާގެ އިސްލާމް ކަމާއިމެދު އަހުރެންގެ ހިތުގައި ސުވާލު އުފެދެއެވެ.
ފުރަތަމަ ސަބަބު ބަޔާންކޮށްދޭން މިތަނުގައި މިތިބަ އެންމެންނާއި ސުވާލެއް ކުރާނަމެވެ. ޖަވާބުދޭށެވެ. އެސުވާލަކީ ފާފައެއް ކުރެވުމުން ދެރަވެވޭ ހެއްޔެވެ؟ ބިރުގަނޭ ހެއްޔެވެ؟ ފާފައެއް ކުރެވުމުން ދެރަ ނުވާ، ބިރު ނުގަންނަ މީހަކު މިތަނުގައި އިންނަމަ އަތުގެ އިޝާރާތަކުން ނިކަން އެކަން އަންގައިލަބަލާށެވެ!
މިތަނުގައި މިތިބަ އެންމެންނަކީ ނުވަތަ އެކަކީވެސް ފާފައެއް ނުކުރެވި ތިބި ބައެއް ނޫނެވެ. އެހެންކަމާއިއެކުވެސް ހަމައެކަކުވެސް އަތް ނުއުފުލީ ކީއްވެގެން ހެއްޔެވެ؟ ފާފައެއް ކުރެވުމުން ދެރަވާތީ ނުވަތަ ބިރުގަންނާތީ ނޫންހެއްޔެވެ؟
ދެން ނިކަން ބުނެބަލާށެވެ! ފާފައެއް ކުރެވުމުން ބިރުގަންނަނަމަ، ދެރަވާނަމަ އަބަދު ފާފަކުރުންމަތީގައި އެމީހަކަށް ހުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ކުރެވިދާނެ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ދެން ބުނެލަން ބޭނުންވަނީ ފާފައެއް ކުރެވުމުން ދެރަވަނީ އަދި ބިރުގަންނަނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން އޮތުމުންނެވެ. އަދި އެމީހަކާއިއެކުގައި ﷲ ތަޢާލާގެ ރަޙްމަތްފުޅުވާތީއެވެ. އިން ޝާ ﷲ.
ހަމަ އެފަދައިން ފާފައެއް ކުރެވުމުން ބިރުނުގަންނަމަ ނުވަތަ ނުވަތަ ދެރަ ނުވާނަމަ އެއިގެ މާނައަކީ އެމީހަކާއި އެކުވަނީ، އެމީހާގެ މައްޗަށް ބާރު ފޯރުވަނީ ޝައިޠޯނާ ކަމެވެ. އެމީހެއްގެ ހިތުގެ މައްޗަށް ވެރިވެގެންފައިވަނީ ޝައިޠޯނާކަމެވެ.
މީސްތަކުންނޭވެ! ކުރިން މިބުނި ފަދައިން ކޮންމެ މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ. ފާފައެއް ކުރެވުމަށްވުރެވެސް ބޮޑު މައްސަލައަކީ ފާފައެއް ކުރެވުމުން ބިރުވެތި ނުވެވޭނަމައެވެ. ދެރަ ނުވާނަމައެވެ. ބިރުވެތިވެވޭނަމަ އަދި ދެރަވެވޭނަމަ ފާފަކުރުންމަތީގައި ދެމިއެއް ނުހުންނާނެއެވެ. ފާފަކުރުން ހުއްޓާލަން މަސައްކަތްކުރާނެއެވެ. ހުއްޓާލަން މަސައްކަތް ނުކުރެވޭނަމަ އެއީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިކަމެއް ނެތީއެވެ! އެމީހަކު އެވަނީ ޝައިޠޯނާ އާއިއެކުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން