ނަރަކައިގަވާ "ޣައްޔާން ވާދީ: އެތަނުގައި ހުރި ޢަޛާބުގެ ގަދަފަދަކަމުން ނަރަކަވެސް އެތަނުގެ ކިބައިން ސަލާމަތްކަމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ނަރަކައިގަވާ "ޣައްޔާން ވާދީ: އެތަނުގައި ހުރި ޢަޛާބުގެ ގަދަފަދަކަމުން ނަރަކަވެސް އެތަނުގެ ކިބައިން ސަލާމަތްކަމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާ!

ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަމުގެ ވާހަކަތައް އަހުރެމެން ދައްކަމުއެވެ. ނަމަވެސް ނުކިޔަމަންތެރިވެ ބޮޑެތި ފާފަތައް ކުރާ އަޅުންނަށް ދެއްވަވާ ގަދަފަދަ ޢަޛާބުގެ ވާހަކަ ދެއްކެނީ ވަރަށް މަދުންނެވެ.  

ޢުމަރުގެފާނުގެ އަރިއަހުގައި މީހަކު ސުވާލެއް ދެންނެވިއެވެ.. "އުންމަތުގެ އެންމެ އިސް ވެރިޔާގެ މަޤާމުގައި ހުންނަވާއިރު އެންމެ ބޮޑަށް އިސްކަން ދެއްވަވަނީ ކޮން ކަމަކަށްތޯއެވެ؟ ޖަވާބުގައި ވިދާޅުވީ ކޮންމެ މަޤާމެއްގައި ކޮންމެ މީހަކު ހުރި ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ނަމާދު ކުރުމަށް ކަމަށެވެ. ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް ކަމަށެވެ.  

ޢުމަރުގެފާނުގެ އިތުރު ބަސްފުޅެއްގައިވެއެވެ. "ނަމާދަށް ފަރުވާ ކުޑަކުރާ މީހާ އެހެން ހުރިހާ ކަމަކަށް ވެސް ފަރުވާ ކުޑަކުރާނެއެވެ!" އެބަސްފުޅުގެ ތަފްޞީލްވެސް ވަނީ ދެއްވަވައިފައެވެ. "އެމީހާ އުފައްދަވައި ހުރިހާ ނިޢްމަތްތަކެއް ދެއްވަވާ ﷲ ތަޢާލާއަށް އިޚްލާޞްތެރި ނުވި މީހާ އެހެން މީހަކަށް ރަނގަޅަށް އެއްވެސް ކަމެއް ކުރާނެ ކަމަށް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ."

فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ

فَسَوْفَ يَلْقَوْنَ غَيًّا 

ފަހެ، އެބޭކަލުންނަށްފަހު، އެހެންބައަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި ހަވާ ނަފުސު ގެ އެދުންތަކަށް ތަބަޢަ ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!" (މަރްޔަމް: 59) 

މިއާޔަތުގައި ވާ "ޣައްޔަން"ގެ ތަފްސީރު ބަޔާންކުރައްވަމުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ ނަރަކައިގެ އެންމެ ބިރުވެރި ހޮހޮޅަ ކަމަށެވެ. އެންމެ ގަދަފަދަ ޢަޛާބު ލިބޭ ތަން ކަމަށެވެ. ޢަބްދުﷲ ބިން މަސްޢޫދުވެސް ވަނީ މިމޭރުމުން ބަޔާން ކުރައްވަވައިފައެވެ. ޢަބްދުﷲ ބުން ޢައްބާސް (ރޢ) ވިދާޅުވެފައިވަނީ އެތަނުގައި ހުރި ޢަޛާބުގެ ގަދަފަދަކަމުން ނަރަކަވެސް އެތަނުގެ ކިބައިން ސަލާމަތްކަމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާ ކަމަށެވެ.   

ޖެހިގެން އޮތް އާޔަތުގައި ވަނީ އުފާވެރިކަމުގެ ޚަބަރެވެ.  

"ތައުބާ ވެ، އަދި، އީމާންވެ، އަދި ޞާލިޙް ޢަމަލު ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ." (މަރްޔަމް: 60)  

ބައެއް މީހުން ފަރުޟު 5 ނަމާދު ކުރެއެވެ. ނަމަވެސް އެމީހުންގެ ދިރިއުޅުމުގައި ލިބޭ ހިތްހަމަޖެހުމެއް އޮންނަ ކަމަކަށް ނުވެއެވެ. ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް ޖެހޭ ތަކްލީފްތައް މާގިނަވެއެވެ. ވީމާ އެހެން އެވަނީ ކީއްވެގެންތޯ ސުވާލު އުފައްދައެވެ.  

ފުރަތަމަ ސަބަބަކީވެސް ނަމާދަށް ފަރުވާ ކުޑަކުރުމެވެ. ނަމާދަށް ފަރުވާ ކުޑަކުރުމުގެ މާނައަކީ ހަމައެކަނި ނަމާދު ނުކުރުމެއް ނޫނެވެ. ނަމާދު ވަގުތު ޖެހުމުން ނަމާދުކުރަން އަވަސްވެ ނުގަތުމަކީވެސް ނަމާދަށް ފަރުވާ ކުޑަކުރުމެވެ. ނަމާދުގައި ޚުޝޫޢަތްތެރި ނުވުމަކީ ވެސް ނަމާދަށް ފަރުވާ ކުޑަކުރުމެވެ.

 

 

- ޝައިޚް ޢަބްދުއްނާޞިރު ޖަންގްދާގެ ދަރުސަކުން

 

 

މިއަދު އޮންލައިން