ދިރިއުޅުމުގެ މައްސަލަތައް ހައްލުކުރުމަށާ ޝިފާއަށް އެދި ފުރަތަމަ ކުރަން އޮތް ޢަމަލު ކުރުމަށް ގިނަ ބައަކު މިދަނީ އިހްމާލުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދިރިއުޅުމުގެ މައްސަލަތައް ހައްލުކުރުމަށާ ޝިފާއަށް އެދި ފުރަތަމަ ކުރަން އޮތް ޢަމަލު ކުރުމަށް ގިނަ ބައަކު މިދަނީ އިހްމާލުވަމުން!

ކޮންމެ މުސްލިމަކުވެސް ފުރަތަމަ ކުރަން އޮތް ޢަމަލުގެ ވާހަކަ މީސްތަކުންގެ ސަމާލުކަމަށް ގެނައުމަށް ޝައިޚުންނާއި އުސްތާޛުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. ތަފާތު ޢިބާރާތް ބޭނުންކުރައްވައިގެން ދަރުސް ދެއްވައެވެ. ތިރީގައި އެވަނީވެސް އެފަދަ ދަރުސެކެވެ. 

އަހުރެން ދައްކައިލަން މިއުޅެނީ ތަފާތު 2 ބޭސް ސިޓީއެއްގެ ވާހަކައެވެ. ފުރަތަމަ ބޭސް ސިޓީއަކީ ޑޮކްޓަރުން ދޫކުރާ ބޭސް ސިޓީއެވެ. އެބޭސްސިޓީއެއްގައި މިވެނި ބޭހެއް މިވަނި ވަޤުތަކު ކާން ލިޔެފައި އޮތްނަމަ އެގަޑީގައި އެބޭސް ކާންޖެހެނީ ކީއްވެގެން ކަމާއިމެދު ޑޮކްޓަރާއި ސުވާލެއްވެސް ނުކުރެއެވެ. ސަމާލުކަން ދީގެން ކޮންމެ ގޮތަކުން ނަމަވެސް ޑޮކްޓަރު ބުނި ގަޑީގައި ބޭސް ކައެވެ. 

ދެން މިފާހަގަކުރަނީ 2 ވަނަ ބޭސް ސިޓީއެވެ. ޙަޤީޤަތުގައި މިބޭސް ސިޓީއަކީ ފުރަތަމަ ހާމަކުރަންޖެހޭ ބޭސް ސިޓީއެވެ. ނަމަވެސް ގިނަ ބައަކަށް ވިސްނަން ފަސޭހަވާނެތީ ދެވަނަ ބޭސްސިޓީއަށް ހެދީއެވެ. އެއީ އެއްވެސް ޙާލެއްގައި 2 ވަނަ ދަރަޖަ ޙައްޤުވާތީއެއް ނޫނެވެ. ޙަޤީޤަތުގައި މިބޭސްސިޓީއަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އެންމެ މަތީގައި ބާއްވަން ޖެހޭ ބޭސް ސިޓީއެވެ. 

އެބޭސްސިޓީއަކީ ﷲ ތަޢާލާގެ ޙަޟްރަތުން އައިސްފައިވާ މަތިވެރި އަމުރުފުޅެވެ. އެންމެ ބޮޑަށް ޢަމަލުކުރަން ޖެހޭ އަމުރުފުޅެވެ. ދުވާލުގެ 5 ވަޤުތެއްގައި 5 ނަމާދުރަން ކުރައްވަވާފައި އޮތް އަމުރުފުޅެވެ. 

މިއަމުރުފުޅަށް ޢަމަލުނުކުރާނަމަ ތަފާތު ބަލިތައްވެސް ޖެހޭނެއެވެ. ތަފާތު މުޞީބާތްތަކާއިވެސް ކުރިމަތިލާންޖެހޭނެއެވެ. މި އަމުރުފުޅު އައިސްފައި މިވަނީ ކިތަންމެ ވަރަކަށް ސަމާލުކަން ދީގެން ޑޮކްޓަރުން ދޭ ބޭސް ކެއި ނަމަވެސް ޝިފާ ދެއްވަވާ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެކަން ހުރިހާ މުސްލިމުންނަށް ރަނގަޅަށް އެނގޭއިރުވެސް ފަރުވާކުޑަކޮށްލާފައި އިސްކަންދެނީ ޑޮކްޓަރުން ދޭ ބޭސްސިޓީއަށް ޢަމަލުކުރުމަށެވެ.

 

ވަރަށް ބޮޑަށް އާދޭސްކޮށްފައި ބުނަމެވެ. ކޮންމެ ބައްޔަކަށް ފަރުވާ ކުރަން ބޭނުންވިނަމަވެސް ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމަކުން އަރައިގަންނަން ބޭނުންވި ނަމަވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރާށެވެ! ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާ ފަދައިން ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަޤުތުގައި އަދާކުރަމުން ގެންދާށެވެ. ޑޮކްޓަރުން ދޭ ބޭސް ސިޓީއަށް ޢަމަލުކުރުމަކީ ދެވަނަ ކަންތައް ކަމުގައި ހަދާށެވެ! ޝިފާލިބޭނީވެސް ދިރިއުޅުމުގެ މައްސަލަތައް ޙައްލުކުރެވޭނީވެސް އެއިރުންނެވެ. އިން ޝާ ﷲ

 

--ޔާސްމީން މުޤާހިދުގެ ދަރުސަކުން

މިއަދު އޮންލައިން