އެންމެންވެސް ދައްކާނީ ސައިންސްގެ ރޮނގުން ކުރިއަރައިދެވޭ ވާހަކައެވެ. ގިނަ ކަންތައްތަކެއް އެނގެމުންދާ ވާހަކައެވެ. މިއަދު އެނގެމުންދާ ކަންތައްތަކުގެ ވާހަކަތައް، ސައިންސުގެ އެއްވެސް ޢިލްމެއް ނެތް ޒަމާނެއްގައި ބާވައިލެއްވެވި ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ކަމުގެ ވާހަކަ ދައްކަނީ މަދުމީހެކެވެ. ނަމަވެސް ހެޔޮވިސްނޭ މީހުން އެވާހަކަ ދައްކައެވެ. އެއިގެ ތެރޭގައި ކާފިރުންވެސް ހިމެނެއެވެ. އަދި އެކަންކަން ވިސްނި ގިނަ ބައަކު ދަނީ އިސްލާމްވެސް ވަމުންނެވެ.
ގުޅުންހުރި ލިޔުނެއް:
އިންސާނުންގެ ޢިލްމާ، ޙިލްމުވެރިކަން އިތުރުވެ، ހުނަރާ ފަންނުގައި ކުރިއަރައި ތަހުޒީބާ ތަރައްޤީއާ ތަމައްދުންގައި މިއަދު އިންސާނުން ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދާފައި. ޢުމްރާނީ ގޮތުން ހެދި ބިނާތައް، ވިލާތަކުގެ އުހަށް އުފުލި، ބިމު އަޑިއާއި، ފަރުބަދަތަކާއި، ކަނޑު އަޑީގައިވެސް މިއަދު މީސްތަކުން މިވަނީ ދިރިއުޅެން ފަށާފައި. ބިމުގެ ސަތަޙައިގެ ތެރެއިން އިންސާނުން އެބައިމީހުންނަށް ކުޅަދާނަވީ މިންވަރެއްގެ އިލްމު ހޯދައި، އަތްފުނާ އަޅާ، ބަލާ ދިރާސާކޮށް ކާއިނާތުގައިވާ އެހެން ޕްލެނެޓް ތަކަށްވެސް މިއަދު މިވަނީ ދަތުރު ފަށާފައި. ނަމަވެސް ޙަޤީޤަތަކީ މީގެ 1400 އަހަރު ކުރިން ޢަރަބި ޖަޒީރާގެ ރަށެއްގައި ދިރި އުޅުއްވެވި، މިދެކޭ ޒަމާނީ އެއްވެސް ޓެކްނޮލޮޖީއެއް ދެކެފައި ނުވާ، އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ މައްޗަށް 7 އުޑުގެ މަތިން ބާއްވައި ލެއްވުނު ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ ޢިލްމީ ޙަޤީޤަތް ތައް ހޯދުމުގައި މިއަދުގެ ޒަމާނީ ސައިންސަށް ބޮޑު ޙައިރާންކަމެއް ވަނީ ގެނުވާފައި ކަން.
އެތައް އަހަރެއް ވަންދެން ސައިންސުވެރިންގެ ޖަމާޢަތް ތަކުން އެތަކެއް ދިރާސާތަކެއް، ތަޙުލީލު ތަކެއް ކޮށް ނެރޭ ނަތީޖާ ޤުރުއާނުގައި ނުވަތަ ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅުގައި ބަޔާންވެފައި ވުމަކީ ޤުރުއާނުގެ މުޢުޖިޒާތެއް. އެގޮތުން އޭގެތެރެއިން ބައެއް ކަންކަމަށް މިރިޕޯޓުގައި އަލި އަޅުވާލާނަން.
އިންސާނާ ޚަލްޤުކުރެއްވުން
އިންސާނުންގެ ތެރެއަށް ތަފާތު ޒަމާނީ އާލާތްތައް ތަޢާރަފުވެ އެންމެބޮޑު ކުރިއެރުމެއް ގެނަސްދިން އެއްދާއިރާ އަކީ ޞިއްޙީ ދާއިރާ. އިންސާނާގެ ހަށިގަނޑުގެ އެތެރެ އެއްވެސް އުނދަގުލަކާ ނުލާ ބަލައިލުމާއި ކަށިތައް ހުރިނެތް ގޮތް އާލާތް ތަކުގެ އަލީގައި ބެލުމާއި، ލޭގެ ތެރޭގައި ދަތުރުކުރާ ޖަރާސީމު ދެނެގަތުމަށް މިއަދުގެ ސައިންސް މާބޮޑު ބުރައެއް އުފުލަން ނުޖެހޭއިރު، އަންހެނާގެ ރަޙިމުގައި ދަރިއެއް އުފެދިގެން އަންނަގޮތް ވެސް ބަލައިލުމަކީ އުނދަގޫ ކަމެއް ނޫން.
އެހެން ކަމުން މިއަދުގެ ސައިންސް ބުނާގޮތުން އަންހެނާގެ ރަޙިމުގައިވާ ބިހާއި ހަމަޔަށް ވާޞިލު ވުމަށް އެތަކެއް މިލިއަން ދަރި ފަންޏެއް ދަތުރުކުރޭ. އޭގެ ތެރެއިން ބިހުގެ ތެރެއަށް ވާޞިލު ވެވެނީ އެންމެ ފަންޏަކަށް. އެއަށްފަހު އެދެމެދުގައި ދަރިއެއް އުފެދުމުގެ ނިޒާމު ފެށިގެންދޭ. ފުރަތަމަ މަރުޙަލާގައި ވަނީ ގަނޑު ލޭކޮޅެއްގެ ސިފައިގައި. އެއަށްފަހު މަސްކޮޅަކަށް ބަދަލުވެ، އަދި އޭގެ ފަހުގައި ކަށިލައްވަވާ. އޭގެ ފަހުގައި ކަށީގައި މަސް ލައްވަވައި ކުއްޖާގެ ޞޫރަ ފުރިހަމަ ކުރައްވަވާ. މިޙަޤީޤަތް މިތަރުތީބުން ކީރިތި ޤުރުއާނުގައި ވަނީ ބަޔާން ކުރައްވާފައި
ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَتَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِضَامً فَكَسَوْنَا الْعِضَامَ لَحْمًا ثُمَّ أَنشَـأْنَاهُ خَلْقًا آخَرَ, فَتَبَارَكَ اللهُ أَحْسَنُ الْخَالِقِيْنَ (سورة المؤمنون 14)،
އެގޮތުން މިއާޔަތުގައި އެއްމެ ފުރަތަމަ އެވަނީ علقة އޭ ނުވަތަ ގަނޑު ލޭކޮޅެއްގެ ގޮތުގައި ކުއްޖާ ލައްވަވާ ކަމުގައި. ޢަރަބި ބަހުގައި علقة ގެ މާނަ ތިން ގޮތަކަށް ކުރެވޭ. އެއީ ހަފާލެވިފައިވާ ޗުއިންގަމެއް، ނުވަތަ ލީޗް، ނުވަތަ އެލުވިފައިވާ އެއްޗެއްގެ ގޮތުގައި. އެގޮތުން علقة އެއްގެ ގޮތުގައިވާއިރު، މިތިން ޙާލަތާވެސް ދިމާވޭ. މިފަދަ ޢިލްމީ ޙަޤީޤަތެއް މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ބަޔާންވެފައިވާއިރު، މި ޤުރުއާނާމެދު އަޅުގަނޑުމެން ވިސްނާ ފިކުރު ކުރަން ނުވޭތޯ.
- މަސްދަރު: ނަޞޭޙަތް