ކައިވެނި ކާމިޔާބުކުރެވޭނީ ދީނުގަ އޮތްގޮތް ދޫކޮށްލައި ތިމާ ބޭނުންވާ ގޮތަށް ކަންކަންކޮށްގެން ކަމަށް ޤަބޫލުކުރާ މީހެއްގެ ދިރިއުޅުން ވާނީ ފޭލް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ކައިވެނި ކާމިޔާބުކުރެވޭނީ ދީނުގަ އޮތްގޮތް ދޫކޮށްލައި ތިމާ ބޭނުންވާ ގޮތަށް ކަންކަންކޮށްގެން ކަމަށް ޤަބޫލުކުރާ މީހެއްގެ ދިރިއުޅުން ވާނީ ފޭލް!

މިހާރަކަށް އައިސް ކައިވެނިކުރުމަށްފަހު ޢަމަލުކުރަން ދީނުގައި އަންގަވާފައި އޮތް ގޮތް ނޫން ގޮތަށް ބައެއް މީހުން ކަންކަން ކުރެއެވެ. ފައިދާ ބޮޑުވާނީ އެމީހުންނަށް ވިސްނޭ ގޮތަކަށް ކަންކަން ކޮށްގެން ކަމަށް ޤަބޫލުކުރެވިގެންނެވެ.  

މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ކައިވެނިކުރުމަށްފަހު ޢަމަލުކުރަމންޖެހޭނެ ގޮތް ކައިވެނީގެ ޚުޠުބާގައި އެކިޔައިދެނީއެވެ. ކައިވެނީގެ ޚުޠުބާއަކީ ކައިވެނިކޮށްދޭ މީހާ ކިޔައިދޭ އޭނާގެ އަމިއްލަ ވާހަކަތަކެއް ނޫނެވެ. އޭނާ އެކިޔައިދެނީ ޤުރްއާނާއި ސުންނަތުން އެނގެންހުރި ޙުކުމްތަކެވެ. އެހެންކަމަށްވާއިރު އެއަށްވުރެ މޮޅު ގޮތެއް އަމިއްލައަށް ހޯދޭނީ ކިހިނަކުން ހެއްޔެވެ؟  

އެހެންނަކުން ނޫނެވެ. ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް އެއްބަސްވެވޭނަމަ ދެމަފިރިންނަށް އެވަޤުތަކަށް އެންމެ ފައިޑާހުރި ގޮތަކަށް ކަންކަން ކުރެވިދާނެއެވެ. މިޘާލަކަށް ކޮލެޖުގައި އުޅެމުން ކައިވެނިކޮށްފިނަމަ ކިޔަވައި ނިމެންދެން އެމީހަކު އެމީހެއްގެ މައިންބަފައިންގެ ގޭގައި ހުރުމަށް ނިންމިދާނެއެވެ. އަދި ދެމީހުންނަށް ފަސޭހަ ދުަވސްދުވަހު ފަސޭހަ ވަޤުތަކު ބައްދަލުކޮށް އުޅެވިދާނެއެވެ. ނަމަވެސް އެގޮތަށްވެސް އެކަން ނިންމޭނީ ދެމީހުން އެއްބަސްވާނަމައެވެ. އެކަކު އިޢުތިރާޟްކުރާނަމަވެސް ނުނިންމޭނެއެވެ.  

ގުޅުންހުރި ލިޔުމެއް 

މީސްތަކުންނޭވެ! އަމިއްލަ ދިރިއުޅުމުގެ ކަމެއްގައިވެސް އަދި އެހެންކަމެއްގައިވެސް މުސްލިމުންނަށް ކާމިޔާބާއި ނަޞްރު ހޯދޭނީ ﷲ ތަޢާލާ އާއި ރަސޫލް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިވެގެންނެވެ.  

ޤުރްއާނުގައި ކަނޑައެޅި ބަޔާންވެގެންނުވާ ކަމެއްގައިވެސް ރަސޫލް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅެއް ނުވަތަ އިރުޝާދެއް އޮތް ނަމަ އަހުރެމެން މުސްލިމުން އެކަމެއް ޤަބޫލުކުރަންވާނީ ﷲ ތަޢާލާގެ އަމުރުފުޅެއްގެ ގޮތުގައެވެ. އެހެނީ އެއްވެސް ކަމެއްގައި ރަސޫލް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އެއްވެސް ބަސްފުޅެއް ޙަދީޘްފުޅު ކުރައްވަވާފައެއް ނުވެއެވެ.  

އުހުދު ހަނގުރާމައަށް ބަލާށެވެ! ރަސޫލް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅަށް ކިޔަމަންތެރިވެގެން ތިބިއިރު އައީ ނަޞްރުލިބެމުންނެވެ. ނާކާމިޔާބީ އާއި ކުރިމަތިލާންޖެހުނީ ރަސޫލް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވި އަމުރުފުޅަށް ޢަމަލުނުކުރެވުމުންނެވެ.  

މިއީ މުޅި އުންމަތަށް ލިބިގެންގޮސްފައިވާ ވަރަށް ވަރުގަދަ ފިލާވަޅެކެވެ. ހަނގުރާމައަކީ ހަމައެކަނި މައިދާނަކަށް ނުކުމެ ދުޝްމިނުންނާއި ކުރަން އޮތްކަމެއް ނޫނެވެ. ދުނިޔޭގެ ޙަޔާތަކީވެސް ހަނގުރާމައެކެވެ. ކޮންމެ ދުވަހަކުވެސް މިކުރަނީ ހަނގުރާމައެވެ. ވީމާ ނަޞްރާއި ކާމިޔާބީއަށް އަހުރެމެން އެދޭނަމަ ކުރަންޖެހޭ ފުރަތަމަ ކަމަކީ ﷲ ތަޢާލާ އާއި ރަސޫލް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސް ގެ ދަރުސަކުން

 

މިއަދު އޮންލައިން