ޢާއިޝަތު ރަފާޙް ޢަލީ
"އިން ޝާ ﷲ މިރޭ އަޅުގަނޑުމެން މިލިބިގަންނަނީ މަލާއިކާތުންގެ ތެރެއިން އެންމެ މާތް މަލާއިކަތާ އެންމެ މާތް އިންސާނާއަށް ދެއްވި ވަރަށް އަގުހުރި ހަނދާންކޮށްދިނުމަކާއި ޙިކުމަތްތެރި ނަސޭހަތްފުޅެކެވެ. އެއީ ޖިބްރީލް ޢަލައިހިއްސަލާމް މުޙައްމަދު ﷺ އަށް ދެއްވި ނަސޭހަތްފުޅެކެވެ. މިއަށްވުރެ މާތް މަސްދަރަކުން އައިސްފައި، މިއަށްވުރެ މާތް ފަރާތަކަށް ލިބިފައިވާ ނަސޭހަތެއް ނޯންނާނެކަން ޔަޤީނެވެ.
އަލްޙަމްދުލިއްލާހި ރައްބިލް ޢާލަމީން. ރަސޫލުﷲ ﷺ އަށް މި ނަސޭހަތްފުޅު އެކަށީގެންވާނަމަ، އަޅުގަނޑުމެން މިފަދަ ނަސޭހަތަކަށް އެއަށްވުރެ މާ ބޮޑަށް ބޭނުންވާނެކަން ކަށަވަރެވެ.
ޖިބްރީލް ޢަލައިހިއްސަލާމް ރަސޫލުﷲ ﷺ އަށް ދެއްވި އެނަސޭހަތްފުޅަކީ ކޮބައިތޯ؟ ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: "ޖިބްރީލް އަހަރެންގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ: 'އޭ މުޙައްމަދުގެފާނެވެ! ތިބާ ބޭނުންވާހާ ދުވަހަކު ދިރިހުންނާށެވެ. އެހެނީ ކުރިން ނުވަތަ ފަހުން ތިބާ މަރުވާނެއެވެ. އަދި ތިބާ ބޭނުން މީހަކު ލޯބިވާށެވެ. އެހެނީ ކުރިން ނުވަތަ ފަހުން ތިބާ އެމީހަކާ ވަކިވާނެއެވެ. އަދި ތިބާ ބޭނުން ކަމެއް ކުރާށެވެ. އެހެނީ ތިބާ އެކަމަކަށް ޖަވާބުދާރީވާން ޖެހޭނެއެވެ.' އަދި އޭނާ (ޖިބްރީލްގެފާނު) ވިދާޅުވިއެވެ: 'އޭ މުޙައްމަދުގެފާނެވެ! ދަންނާށެވެ! މުއުމިނެއްގެ މާތްކަމަކީ އޭނާ ރޭގަނޑު ނަމާދުކުރުމެވެ. އަދި އޭނާގެ ޢިއްޒަތަކީ މީސްތަކުންގެ ކިބައިން މުސްތަޤިއްލުވެ ހުރުމެވެ.'"
މިއީ ފުންކޮށް ވިސްނަންޖެހޭ ފަސް އަގުހުރި ނަސޭހަތެކެވެ. އަޅުގަނޑުމެން އެއް އެއްކޮށް ވިސްނައި ފިކުރުކޮށް ބަލަމާ ހިނގާށެވެ.
ފުރަތަމަ ކަމަކަށް، ޖިބްރީލް ޢަލައިހިއްސަލާމް ރަސޫލުﷲ ﷺ އަށް ވިދާޅުވިއެވެ: "ތިބާ ބޭނުންވާހާ ދުވަހަކު ދިރިހުންނާށެވެ. އެހެނީ ކުރިން ނުވަތަ ފަހުން ތިބާ މަރުވާނެއެވެ." އޭ އަޅުގަނޑުގެ އަޚުންނާއި އުޚްތުންނޭވެ! ތިބާއަށް ދުވަހަކުވެސް 200 ނުވަތަ 300 އަހަރު، ނުވަތަ އަދި 150 އަހަރު ދިރިހުރި މީހަކާ ބައްދަލުވެފައިވޭތޯއެވެ؟ ކުރިން ނުވަތަ ފަހުން އަޅުގަނޑުމެން އެންމެން ފަނާވެގެންދާނެކަން ޔަޤީނެވެ. އަޅުގަނޑުމެން ނަގާ ކޮންމެ ނޭވައަކުން އަޅުގަނޑުމެން އެންމެ ފަހު މަންޒިލާ ކައިރިވަމުން ދެއެވެ. އަޅުގަނޑުމެންނަށް ވަނީ ވަކި އަދަދެއްގެ ނޭވާ ކަނޑައެޅިފައެވެ. މިސާލަކަށް ﷲ އަޅުގަނޑަށް ދެ މިލިއަން ނޭވާ މި ދުނިޔޭގެ ޙަޔާތުގައި ކަނޑައަޅުއްވަވާފައިވާނަމަ އެއިން އަޅުގަނޑު ނަގާ ކޮންމެ ނޭވައަކީ އަޅުގަނޑަށް ކަނޑައެޅިފައިވާ އަދަދުން އެއް ނޭވާ މަދުވުމެވެ. އަދި އަޅުގަނޑު މިހާރު އެއަދަދުގެ ކިތައް ބައިކުޅަ ބައެއްތޯ ނަގާފައިވަނީ އަޅުގަނޑަކަށް ނޭނގެއެވެ. އެހެންކަމުން، އަޅުގަނޑުމެން ކިތަންމެ ދުވަހަކު ދިރިހުރިކަމުގައިވިޔަސް، އެންމެ ފަހުން މަރުވާނެކަން ކަށަވަރެވެ.