ތިމާއަށް ލިބެންޖެހޭ ޙައްޤެއް ނުލިބުނަސް ރަޙިމުގެ ގުޅުން ނުކަނޑާ މީހުންނަށް ކުރާ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ތިމާއަށް ލިބެންޖެހޭ ޙައްޤެއް ނުލިބުނަސް ރަޙިމުގެ ގުޅުން ނުކަނޑާ މީހުންނަށް ކުރާ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އަޅުގަނޑުމެންގެ ތިބީ 3 ބެއިންނެވެ. މައިންބަފައިންގެ ގޯތި ބެހިއިރު މަގުމަތީބައި ނުލިބުމުން ނުލިބުނު ދެބެއިން ލިބުނު އަޚާއާއި ވާހަކައެއް ނުދައްކައެވެ. ސްލޮޓްތައް ދިނީ ގުރުވަތުލައިގެންނެވެ. އަޅުގަނޑަށް ލިބުނު ސްލޮޓް ދޫކޮށްލިޔަސް ލިބޭނީ އެކަކަށެވެ. ދެން މިމައްސަލަ ޙަލުކުރާނީ ކިހިނެއްތޯއެވެ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ވަރަށް ޢާންމު މައްސަލައެއް ކަމަށެވެ. ނަމަވެސް ތިއައީ ވަރަށް ދެރަކޮށް ދިމާވާ މައްސަލައެއް ކަމަށެވެ. ތިރީގައިވާ ލިޔުމުން އިތުރު ތަފްޞީލް ލިބިލައްވާނެއެވެ. އިން ޝާ ﷲ 

މުދަލަށް ލޯބިކުރުން ﷲ ތަޢާލާ މަނާކުރައްވަވާފައެއް ނުވެއެވެ. އެކަން ވަނީ ހުއްދަކުރައްވަވައިފައެވެ. ނަމަވެސް ވަކި މިންގަނޑަކަށެވެ. މާނައަކީ މުދަލަށް ލޯބިކުރަންވާނީ ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިމުގެ ތެރެއިންނެވެ. 

މިޘާލަކަށް ކޮންމެ ޙާލެއް ކުރިމަތިވިނަމަވެސް ރަޙިމުގެ ގުޅުން ކަނޑަން ހުއްދައެއް ނުވެއެވެ. އެކަމަކު ބައެއް ޢާއިލާތަކުގައި އެމީހުންގެ މައިންބަފައިން ދޫކޮށްފައި ދިއަ މުދައު ބެހުމުގައި ދިމާވާ ކަމަކާއިހުރެ ރަޙިމުގެ ގުޅުން އެބަކަނޑައެވެ. 

މިޘާލަކަށް މައިންބަފައިން ދޫކޮށްފައިދިއަ ބިން ބެހުމުގައި އެމީހަކު ބޭނުންވާ ބައި ނުލިބިގެން ރަޙިމުގެ ގުޅުން އެބަ ކަނޑައެވެ. ގުރުވަތުލައިގެން ދިމާވި ބައަކީ އެމީހަކު ބޭނުންވާ ބައި ނޫންކަމަށްވެއްޖެނަމަވެސް ރަޙިމުގެ ގުޅުން އެބަކަނޑައެވެ. މުޅި ޢުމުރަށް އެކަމުގެ ރުޅިވެރިކަމުގައި ހިތްހެޔޮނުކޮށް އެބަ ތިބެއެވެ. 

އެއިރުން މިވަނީ ކިހިނެއްކަމާއިމެދު ވިސްނައިވެސް ނުލައެވެ. މިއީ ކިހައި ބޮޑު ދެރަކަމެއް ހެއްޔެވެ؟ މުހިންމީ ބިމުން ތިމާ ބޭނުންވިބައިހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހެއްޔެވެ؟ ރަޙިމުގެ ގުޅުން ކަނޑައިފި މީހަކަށް ﷲ ތަޢާލާ ލަޢްނަތް ލައްވަވާނެ ކަމަށް އޮތް ބަސްފުޅަށްވުރެ ތިމާ ބޭނުންވި ގޮތް މުހިންމު ވީމާ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ 

"އަދި ﷲއަށް ޢަހުދު ކަށަވަރުކުރުމަށްފަހު، އެ ޢަހުދު އުވާލައި، އަދި ގުޅިފައިވުމަށް ﷲ އަމުރު ކުރައްވާފައިވާ ގުޅުންތައް ކަނޑާލައި، އަދި ބިމުގައި ފަސާދަކުރާ މީހުންނާމެދު (ދަންނާށެވެ!) އެއުރެންނަށް ލަޢުނަތް ހުށްޓެވެ. އަދި އާޚިރަތް ދުވަހުން އެއުރެންނަށް ނުބައިވެގެންވާ ގޮވަތި ހުށްޓެވެ."

(އައް ރައްދް: 25) 

("ގުޅިފައިވުމަށް ﷲ އަމުރު ކުރައްވާފައިވާ ގުޅުންތައް ކަނޑާލައި،" އޮތް ބަސްފުޅުގެ މާނައަކީ ރަޙިމުގެ ގުޅުން ކެނޑުމާއި ބާއްވަން ޖެހޭ ގުޅުން ނުބޭއްވުމެވެ.)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ގުޅުންހުރި ލިޔުމެއް:

https://islamqa.info/en/answers/4631/broken-ties-of-kinship-and-relationships

 

މިއަދު އޮންލައިން