ޒަކާތު ފަންޑުން އިންވެސްޓްކޮށް، ފަންޑަށް ވަންނަ ފައިސާ އިތުރުކުރުމުގެ ވިސްނުން އެބަހުރި: ޑރ.ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޒަކާތު ފަންޑުން އިންވެސްޓްކޮށް، ފަންޑަށް ވަންނަ ފައިސާ އިތުރުކުރުމުގެ ވިސްނުން އެބަހުރި: ޑރ.ޝަހީމް

ޒަކާތު ފަންޑުން އިންވެސްޓްކޮށް، އެ ފަންޑަށް ވަންނަ ފައިސާ އިތުރުކުރުމުގެ ވިސްނުން ސަރުކާރުގެ އެބަހުރިކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ހާމަކުރައްވައިފިއެވެ. މިއީ ޒަކާތުގެ މަންފާ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، ޒަކާތު ފަންޑުން އިންވެސްޓްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. މި އިންވެސްޓްމަންޓްތަކުގެ މައިގަނޑު މަޤްޞަދަކީ، ޒަކާތު ފަންޑަށް ދާއިމީ ގޮތެއްގައި ފައިސާ ވަންނާނެ މަގެއް ހޯދައި، ފަންޑުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމެވެ.

ވަޒީރު ވިދާޅުވީ، ޒަކާތު ފަންޑު ހިންގުމުގައި އިންވެސްޓްމަންޓް ޤާއިމުކޮށް، ދާއިމީކޮށް ފައިސާ ވަންނާނެ ގޮތެއް އޮންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. "ޤަބޫލުކުރަނީ އިންވެސްޓްމަންޓް ޤާއިމުކޮށް، ދާއިމީކޮށް ފައިސާ ވަންނާނެ ގޮތެއް އޮންނަންޖެހޭކަމަށް. ޒަކާތު ފަންޑުން އިންވެސްޓްކޮށް، ކުރިއަށް އޮތް 2 އަހަރުތެރޭ، މި ފަންޑަށް އިތުރު ފައިސާ ވަންނާނެ މަގު ހަމަޖައްސާނަން." ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި ޒަކާތު ހައުސްއަކީ ދިވެހިން ފަޚުރުވެރިވާފަދަ މުވައްސަސާއަކަށް ވާނެކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.

ޒަކާތު ފައިސާއިން އިންވެސްޓް ކުރުމުގެ ހުއްދަ ޤާނޫނުގައި ހިމަނާފައިވަނީ، މިކަމާ ގުޅޭގޮތުން ބޮޑެތި ދިރާސާތައްކޮށްފައިވާ ފިޤްޙް އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކުގެ ތަޢުޔަށް ރިއާޔަތްކޮށް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މިއީ ޝަރުޢީ އަދި ޤާނޫނީ ގޮތުން މިކަމަށް ހުރި ޖާގަ ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ. މިގޮތުން އިންވެސްޓްކޮށްގެން ޒަކާތު ފަންޑު އިތުރަށް ބާރުގަދަކޮށް، މުސްތަޙިއްޤުންނަށް ލިބޭ އެހީގެ މިންވަރު އިތުރުކުރުމަށް މަގުފަހިވާނެއެވެ.

މިއަދު އޮންލައިން