ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

ފުވައްމުލަކާއި އައްޑޫ ސިޓީ ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.

މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:30 އާ ހަމައަށެވެ. މެޓް އިން ވިދާޅުވެފައިވަނީ މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއި، ގުގުރުން އަދި ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ބަލާއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރައްވައެވެ. މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ މި ވަގުތުތަކުގައި، ދަތުރުފަތުރު ކުރާ ފަރާތްތަކާއި، އާއްމު ރައްޔިތުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ހިސާބުތަކަށް ކެރީގެ އަސަރުކޮށްފައިވެއެވެ. އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑްކޮށްފައިވަނީ ބ. ގޮއިދޫއިންނެވެ. އެރަށަށް 117 މިލިމީޓަރުގެ ވާރެ ވަނީ ވެހިފައެވެ. މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރެކޯޑް ކުރެވުނު އެންމެ ބޮޑު އަދަދެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ މި ދަނޑިވަޅުގައި، ޚާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް މެޓުން އިލްތިމާސްކުރައްވައެވެ. އަދި ވިލާގަނޑުގައި ވައިގަދަވެ، ކަނޑުތައް ގަދަވުން އެކަށީގެންވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް މެޓުން އިރުޝާދު ދެއްވައެވެ.

މިއަދު އޮންލައިން