ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ފެށި މަޝްރޫޢުގެ ދަށުން، އެ މަގުގެ ދެވަނަ ސެގްމެންޓުގައި ހިމެނޭ މާލޭ ބާޒާރުމަތީ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށަން ނިންމާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި މަސައްކަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ނިންމާލުމަށް ވަނީ ރޭވިފައެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުވަރީ 18 އެވެ.
ވުޒާރާއިން ބުނި ގޮތުގައި، މި ސަރަޙައްދު ފުޅާކުުރުމުގެ މަސައްކަތް މިއަދު ފަށައި، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ނިންމާލެވޭނެއެވެ. ބާޒާރުމަތީ ސަރަޙައްދަކީ ޢާއްމުކޮށް ވެސް ބާރުބޮޑު ސަރަޙައްދެއް ކަމުގައިވާއިރު، ޚާއްޞަކޮށް ރަމަޟާން މަހު އިތުރަށް ބާރުބޮޑުވެއެވެ. އެހެންކަމުން، ރަމަޟާން މަހުގެ ކުރިން މި މަސައްކަތް ނިންމާލުމަކީ ޢާއްމުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތުގެ ދަށުން ތަރައްޤީކުރާނީ މަސްމާރުކޭޓާއި ހަމައިން ފެށިގެން ނޯތު ހާބަރު ހިމެނޭ ސަރަޙައްދާ ހަމައަށެވެ.
މި ސަރަޙައްދު ވެސް ތަރައްޤީކުރާނީ ކުރިން ހެދި ބައިތަކެކޭ އެއްފަދައިން ހަތަރު ލޭން ހިމެނޭ ގޮތަށް އެއްގަމު ތޮށި ބޭރަށް ޖައްސައިގެންނެވެ. މިއީ މާލޭގެ މުހިންމު މަގެއްގެ ގޮތުގައިވާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މުހިންމު ފިޔަވައްސެކެވެ.