ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް މިނިސްޓަރ ޝަރަފުވެރިކޮށްދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް މިނިސްޓަރ ޝަރަފުވެރިކޮށްދެއްވައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން ކުރިއަށް ގެންދާ ލޯކަލް ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އަދި އެލްޖީއޭގެ ރައީސް އާދަމް ޝަރީފު ޢުމަރު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސްޓެލްކޯގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ފެށި މި ކޮންފަރެންސަކީ އަލަށް ޢައްޔަންކުރެވޭ އޮޑިޓަރުންނަށް މައުލޫމާތު ދިނުމަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކޮންފަރެންސެކެވެ. އަދި އޮޑިޓަރުންގެ ހުނަރާއި، އަމަލީ ޤާބިލުކަން އުފެއްދުންވެސް ކޮންފަރެންސްގެ މަޤުސަދުގެ ތެރޭގައި ހިމެނެއެވެ.

މި ކޮންފަރެންސްގެ ޝިޢާރަކީ ''ސްޓްރެންތިން ގަވަރނަންސް: އިންޓްރޮޑިއުސިންގ އިންޓަރނަލް އޮޑިޓް ފޯ އިފެކްޓިން ކައުންސިލް އޯވަރސައިޓް'' އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ އެ ކޮންފަރެންސްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

ޖުމްލަ 47 ބައިވެރިންނާއެކު ކުރިއަށްދާ މި ކޮންފަރެންސްގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން އަދި ކައުންސިލްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެން އިންޓަރނަލް އޮޑިޓްކުރުމާ ގުޅޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވެއެވެ.

މިއީ، މިގޮތަށް ކައުންސިލްތަކުގެ އިންޓަރނަލަ އޮޑިޓަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ފުރަތަމަ ފޯރަމެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ފޯރަމް ސިލްސިލާ ފޯރަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން