ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި (ވީއައިއޭ) ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސިއްޙީ ޤާބިލްކަން އިތުރު ކުރުމަށް ޖަޕާން ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަޝްރޫޢަކީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މައި ބަނދަރުތައް ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިކޮށް، ބޯޑަރ ކޮންޓްރޯލް ކުރުމުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ހިންގުނު މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށްޓަކައި، ހޮޓެލް ޖެންގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި މަޝްރޫޢަށް ޖަޕާން ސަރުކާރުން ވަނީ 2.4 މިލިޔަން ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ. "ސްޓްރެންތެނިންގ ދި ކެޕޭސިޓީ އޮފް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އެންޑް ގަން އިންޓަނޭޝަނަލް އެއަރޕޯޓް" މި ނަމުގައި ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ބޯޑަރ ކޮންޓްރޯލް ކުރުމާއި، ސެކިއުރިޓީ ވަރުގަދަކޮށް، ބަލިމަޑުކަމެއް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމެވެ.
މި މަޝްރޫޢުގެ ދަށުން ވީއައިއޭއާއި ގަން އެއަރޕޯޓުގެ ޤާބިލުކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އޭގެތެރޭގައި، އެއަރޕޯޓުން ރާއްޖެއަށް އެތެރެވާ މީހުންގެ ފަރާތުން ބަލިތައް ފެތުރިދާނެ މިންވަރު ކުޑަ ކުރުމަށްޓަކައި ޒަމާނީ ބަޔޯމެޓްރިކް ކޮންޓްރޯލް ނިޒާމުތައް ޤާއިމުކުރުން ހިމެނެއެވެ. އަދި ފަސެންޖަރުންގެ ކަންކަން އަވަސްކޮށް، ރައްކާތެރިކަމާއެކު ކުރިއެރުވުމަށްޓަކައި ދަތުރުކުރާ މީހުން ދެނެގަތުމުގެ ލިޔެކިޔުންތައް ބަލައި ޗެކް ކުރުމުގެ ނިޒާމުތައް ވަނީ ހަރުދަނާކުރެވިފައެވެ.
މީގެ އިތުރުން، ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށްޓަކައި ތަމްރީންތަކާއި، ޞިއްޙީ ގޮތުން ތައްޔާރުވުމާއި، ސާފުތާހިރު ކަމާއި، ކުނި މެނޭޖްކުރުން ފަދަ ކަންކަން ހަރުދަނާ ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީންތައް ވަނީ ފޯރުކޮށްދެވިފައެވެ.
މި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ މައި ދެ އެއަރޕޯޓުގެ ސިއްޙީ ރައްކާތެރިކަމާއި، ބޯޑަރ ކޮންޓްރޯލް ކުރުމުގެ ޤާބިލްކަން ވަނީ ފުޅާވެ، ބައިނަލްއަޤްވާމީ ފެންވަރަށް އެކަންކަން ހަރުދަނާވެގެން ގޮސްފައެވެ.