އަމާން އުދަރެސް ޔުނިޓުތަކުގެ ފެން ބިލުގައި މައްސަލަ ފާހަގަވާނަމަ ހުށަހެޅުމަށް އެދިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
އަމާން އުދަރެސް ޔުނިޓުތަކުގެ ފެން ބިލުގައި މައްސަލަ ފާހަގަވާނަމަ ހުށަހެޅުމަށް އެދިއްޖެ

އަމާން އުދަރެސް ޔުނިޓުތަކުގެ ފެން ބިލުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަވެ، އެކަމާ ގުޅިގެން ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުން ބޮޑުވުމާ ގުޅިގެން، އެ މައްސަލަތައް ރަސްމީކޮށް ހުށަހެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެދިއްޖެއެވެ. އަމާން އުދަރެސްގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެފްޑީސީން ވަނީ ހާމަކޮށްފައެވެ.

އެފްޑީސީން ވިދާޅުވީ، ބައެއް ޔުނިޓުތަކުގެ ފެން ބިލްތަކާ ގުޅިގެން ދިރިއުޅޭ ފަރާތްތަކުން ފާހަގަކުރާ މައްސަލަތަކުގެ އަސްލު ދެނެގަނެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި މައްސަލަ އަވަހަށް ހައްލުކުރުމަށް އެކުންފުނިން ދަނީ ބާރު އަޅަމުންނެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަމާން އުދަރެސްގެ ބައެއް އެޕާޓްމަންޓުތަކުގެ ފެން ބިލު ވަރަށް ބޮޑުވެފައިވާކަމަށް ފާހަގަވެއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ބިލުތައް 7،000 ރުފިޔާއަށްވުރެ ބޮޑުވެފައިވާކަމީ ދިރިއުޅޭ ފަރާތްތަކުގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

މިގޮތުން، ފެން ބިލުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވޭ ފަރާތްތަކުން ރަސްމީކޮށް މައްސަލަ ހުށަހެޅުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. މައްސަލަ ހުށަހެޅުމަށްޓަކައި، އެކުންފުނީގެ ޓެނަންޓް ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މައްސަލަ ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެފްޑީސީން ބުނެފައިވަނީ ހުށަހެޅޭ މައްސަލަތައް ބަލައި، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިއަދު އޮންލައިން