އެހީއަށް އެދިގެން އައި ފަޤީރުމީހާގެ ގާތު ދޮގުހަދާއިރު ﷲ ތަޢާލާ ޙަޤީޤަތް ދެނެވޮޑިގެންވާކަމާ ދެއްވަވާފައިވާ ފައިސާ އަނބުރާ ގެންދަވައިފާނެ ކަމަށް ބިރުނުގަންނަނީ ކީއްވެގެންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
އެހީއަށް އެދިގެން އައި ފަޤީރުމީހާގެ ގާތު ދޮގުހަދާއިރު ﷲ ތަޢާލާ ޙަޤީޤަތް ދެނެވޮޑިގެންވާކަމާ  ދެއްވަވާފައިވާ ފައިސާ އަނބުރާ ގެންދަވައިފާނެ ކަމަށް ބިރުނުގަންނަނީ ކީއްވެގެންތަ؟

އަހުރެން މިރޭވެސް ތަކުރާރުކޮށްލާނަމެވެ. ދަތިޙާލުގައި ތިބި މީހުންނަށް އެމީހެއްގެ ޢާއިލާއިން އެހީތެރިވާނެ ނަމަވެސް ދަތިޙާލުގައި އުޅެންޖެހޭނެ މީހުން ވަރަށް މަދުވާނެއެވެ. އެއީ އެހީތެރިވެވޭނެ ފެންވަރުގެ ތަނަވަސް މީހުން ޢާއިލާގައިވެސް ތިބޭނެތީއެވެ. އެހެންވެ މިރޭވެސް ހަނދުމަކޮށްލައިދޭނަމެވެ.

މިދައްކަނީ ގިނަ ބައަކު ކުރާ ކަމެއްގެ ވާހަކައެވެ. ދަތިޙާލެއް ކުރިމަތިވެގެން ތިމާގެ އަޚަކު ކަމަކަށް ބޭނުންވެގެން އަތުވެއްޖެ ނަމަ މިބުނަނީ މިވަގުތު ޖީބުގައި ފައިސާ ނެތް ކަމަށެވެ. އެގޮތަށް ބުނެފައި އެމީހާ ފޮނުވައިލެވުމުން ހީކުރެވުނީ ފައިސާތަކެއް ސަލާމަތްކުރެވުނީ ކަމަށެވެ.

ނަމަވެސް މިއީ ކުރެވޭ އެންމެ ބޮޑު ކުށްހީއެވެ. ޙަޤީޤަތުގައި އެމީހަކަށް އެ ނަގައިލެވެނީ އެމީހަކަށް ލިބެން އޮތް ވަރަށް ބޮޑު ނިޢްމަތެކެވެ. ތަނަވސްކަމާއި ރަޙްމަތް އިތުރުކުރަން ލިބުނު ރަނުގެ ފުރުޞަތެކެވެ. އެ ނަގައިލެވެނީ އެކައުންޓަށް ފައިސާ އިތުރުކޮށްލަން ލިބުނު އެންމެ ބޮޑު ފުރުޞަތެވެ!

އެހެނީ ދަތިޙާލުގައި އެމީހާގެ އަޚާއަށް ނުވަތަ އެނޫންވެސް މީހަކަށް އެހީތެރިވެދީފިނަމަ އެއިގެ ބަދަލުގައި އެތައް ގުނައެއް އިތުރަށް ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެތެވެ. ވީމާ ފުރަގަސް އެދެވުނީ ލިބެން އޮތް ކިހައި ބޮޑު ނިޢްމަތަކަށް ހެއްޔެވެ؟ އަމިއްލަ އެކައުންޓުގައި ލާރި ހުރެމެ ގޭގައި ލާރި ނެތް ކަމަށް ބުނެ ފޮނުވައިލުމަކީ ހެދޭ ވަރަށް ބޮޑު ދޮގެއްވެސް މެއެވެ. ތިބާ އެގޮތަށް އެ ބުނީ ތިބާގެ އަތުގައި ކިހައި ފައިސާއެއް ހުއްޓައިކަން ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވާ ކަމަށް ވިސްނައި ބިރުވެތިވާށެވެ!

ތިމާގެ ޖީބުގައި ގެންގުޅޭ ވޮލެޓުގައި ފައިސާ އެވަޤުތު ނެތުމަކީ އެއްވެސް ޙާލެއްގައި އެމީހާގެ އަތުގައި ފައިސާ ނެތުމެއް ނޫނެވެ. އެކައުންޓުގައި ނުވަތަ ތަނަވަސްކަމުގައި ފައިސާހުރިނަމަ އެއީ އަތުގައި ފައިސާ ހުރުމެވެ. އެޙާލަތުގައި ނެތްކަމަށް ބުނުމަކީ ފައިސާ އާއި ތަނަވަސްކަން ދެއްވެވި ﷲ ތަޢާލާއަށް ހަދާ ބޮޑު ދޮގެކެވެ. ވިސްނާށެވެ! އެބޮޑު ދޮގު ހަދާއިއރު ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ.

މީސްތަކުންނޭވެ! ކޮންމެ ޢާއިލާއެއްގައިވެސް މައްސަލަތައް ހުންނާނެއެވެ. ޚިޔާލުތަފާތު މީހުންވެސް ތިބޭނެއެވެ. އެފަދަ ޙާލަތުގައި އެއީ މައްސަލައެއް ކަމަށް ބަލައި ޒަކާތުންވެސް އެމީހުންނަށް ނުދީ ދުރު މީހުންނަށް ދޭ މީހުން އެބައުޅެއެވެ. މިއީ ވަރަށް ދެރަވަރު ކަމެކެވެ. އެ ހިސާބުން އެ ކަނޑައިލެވެނީ ރަޙިމުގެ ގުޅުމެވެ. ރަޙިމުގެ ގުޅުން ކެނޑުމަކީ އެކަން ކުރި މީހަކާއި ﷲ ތަޢާލާ ގުޅުން ކަނޑުއްވަވައި ލައްވަވާނެ ކަމެކެވެ.

ކަން އޮތީ މިފަދައިން ނަމަވެސް މިކަންކަމަށް ވިސްނާ މީހުން ދަނީ މަދުވަމުންނެވެ. މިހާރަކަށް އައިސް ގިނަ މީހުން، އެމީހުންނަށް ލިބޭ ފައިސާ ބަހައްޓަނީ ބޭންކްތަކުގައެވެ. އަދި ލިބޭ ވަރަކުން ކަންކަމަށް އިންވެސްޓްކުރާ މީހުން ވެސް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ޖީބުގައި ފައިސާ ގެންގުޅެނީ މަދު މީހެކެވެ. ކޭޝްކާޑުން ހުރިހާ ކަމެއް ކުރެވޭތީއެވެ.

---ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން