އަތްމަތި ކިތަންމެ ދަތި ނަމަވެސް ނިކަން މިމަގުން ދެމަފިރިން ޢަމަލުކޮށްބަލަ! އިސާހިތަކު ހެޔޮ ބަދަލުތައް ފެންނަން ފަށާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އަތްމަތި ކިތަންމެ ދަތި ނަމަވެސް ނިކަން މިމަގުން ދެމަފިރިން ޢަމަލުކޮށްބަލަ! އިސާހިތަކު ހެޔޮ ބަދަލުތައް ފެންނަން ފަށާނެ! އިން ޝާ ﷲ

ދަތިޙާލެއްގައި އުޅެންޖެހިއްޖެނަމަ ކަންބޮޑުވެ އެކަކު އަނެކަކަށް މޫނުހެދުމުގެ ބަދަލުގައި ނުވަތަ ތަނަވަސް ބައިވެރިއަކު ހޯދަން ވިސްނުމުގެ ބަދަލުގައި ދެމަފިރިން ނިކަން ﷲ ތަޢާލާގެ މިވަޙީ ބަސްފުޅަށް ޢަމަލުކޮށްބަލާށެވެ!

"ފަހެ، އެއުރެން ބުނާބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙް ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އަދި ރޭގަނޑުގެ ވަގުތުތަކުން ބައެއްގައްޔާއި، ދުވާލުގެ ދެކޮޅުގައި ކަލޭގެފާނު ތަސްބީޙް ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އެއީ ކަލޭގެފާނު ރުހިވަޑައިގަތުމަށްޓަކައެވެ. (ނޯޓު: މި އާޔަތުގައި ފަރުޟް ފަސްނަމާދުގެ ވަގުތުތައް ބަޔާން ވެގެންވާ ކަމުގައި މުފައްސިރުން ލިޔުއްވާފައިވެއެވެ.)

އަދި އެއުރެންގެ ތެރެއިން ބަޔަކަށް ދުންޔަވީ ޙަޔާތުގެ ޒީނަތްތެރިކަމުގެ ގޮތުން ތިމަންރަސްކަލާނގެ އެތަކެއްޗާމެދު އެއުރެން އިމްތިޙާން ކުރެއްވުމަށްޓަކައި، ދެއްވި ތަކެއްޗަށް އެދިވަޑައިގެން، ކަލޭގެފާނު ނުބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވަވާ ތަކެތި ހެޔޮކަން ބޮޑެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ.

އަދި ކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދުކުރުމަށް އަމްރު ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒްޤްދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒްޤް ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، ތަޤްވާވެރިންނަށެވެ.

(ޠާހާ: 130، 131، 132)

 

އަހަރެމެން ކުރަން އޮތްކަމަކީ ފަރުޟު 5 ނަމާދު ބަރާބަރަށްކޮށް ﷲ ތަޢާލާ ހަދުމަކުރުން ގިނަކުރުމެވެ. ޛިކުރުކުރުމާއި ތަސްބީޙްކިޔުން ގިނަކުރުމެވެ. ރޭއަޅުކަންކޮށް ޛިކުރުކުރުން ގިނަކުރުމެވެ. އެއިރުން އަހަރެމެންނަށް ބޭނުންވާ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

ކައިވެންޏަށް އެދިގެން އައީ ފަޤީރަކުނަމަ ކައިވެނިކޮށްދޭން މައިންބަފައިން އެބަ ދެކޮޅުހަދައެވެ. އަނެއްބައި ޙާލަތްތަކުގައި މައިންބަފައިން ރުހުނު ނަމަވެސް ތިމާއަށް ބޭނުންވާހައި އެއްޗެއް ނުވަތަ ކަންކަންކޮށް ނުދެވިދާނެކަމުގެ ބިރަށް ކައިވެނިކުރަން ދަރިން އެބަ ދެކޮޅުހަދައެވެ.

މީސްތަކުންނޭވެ! މިނުބައި އާދަތައް ދޫކޮށްލާށެވެ! ހަމައެކަނި މި 3 އާޔަތުންވެސް އަގުހުރި ފިލާވަޅެއް ލިބިގެންދާނެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅަށް އިތުބާރުކޮށް ޢަމަލުކުރީމާ ބޭނުންވާ ހުރިހާ ކަމެއްވެސް ލިބިގެންދާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން