އަހުރެމެންގެ ތެރޭގައި އަޢުރަ ނިވާކުރާހިތްނުވާ އަންހެނުންވެސް ފިރިހެނުންވެސް އުޅެއެވެ. މީގެތެރޭގައި އަޅުކަންކުރާ މީހުންނާއި އަޅުކަންނުކުރާ މީހުންވެސް ހިމެނެއެވެ.
މިގޮތަށް އެމީހުންނަށް މެދުވެރިވާ ސަބަބަކީ (އަޢުރަނިވާކުރަން ބޭނުންނުވާ ސަބަބަކީ) ރިބާ ކެއުމާއި ނުވަތަ ރިބާ ނޫން ނަމަވެސް ﷲ ތަޢާލާ އެއްޗެއް ކެއުން، ބުއިން ޙަރާމް ކުރެއްވެވި ތަކެއްޗާއި ޙަލާލުތަކެތި ޙަރާމްގޮތުގައި ހޯދައިގެން ކައިބޮއެ ހެދުން ހިމެނޭކަމަށް ބައެއް ޢިލްމުވެރިން ފާހަގަކުރައްވައެވެ. އެބޭކަލުން އެގޮތަށް ވިދާޅުވަން ދަލީލް ނަންގަވަނީ ﷲ ތަޢާލާ މަނާކުރއްވަވާފައިވާ އެއްޗެއް ފަރިއްކުޅުއްވެވުނު ހިނދު އާދަމްގެފާނާއި ޙައްވާގެފާނުގެ އަޢުރަ ކަޝްފްވެގެންދިއުމުންނެވެ. މިކަމުންވެސް އަންގައިދެނީ ޙަލާލު ނޫން ތަކެއްޗާއި ޙަލާލު ނޫން ގޮތުގައި ހޯދާ ތަކެތި އަނބިދަރިންނަށް ކާންދިނުމުން ލިބިދާނެ ބޮޑެތި ދެރަތަކެވެ.
ކޮންމެއަކަސް މުސްލިމުންނަކީ އަޢުރަނިވާކުރަންޖެހޭ ބައެކެވެ. އެކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އަންހެނުން ފަދައިން ފިރިހެނުންނަށްވެސް އަޢުރައެއްވާކަންވެސް އެނގޭނެއެވެ. އައުޜަ ނިވާނުކުރުމުން ފާފަވެރިވާކަންވެސް އެނގޭނެއެވެ. އަޢުރަ ނިވާނުކޮށް އުޅޭ މީހުން ސުވަރުގެ ނުވައްދަވައިފާނެކަމަށް ޙަދީޘްފުޅުގައި އޮތްކަންވެސް އެނގޭނެއެވެ.
އެހެންކަމާއިއެކުވެސް އަޢުރަ ނިވާކުރަން ބޭނުންނުވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ނޫންހެއްޔެވެ؟ އެކަމަށް ޙައްލެއް ހޯދައިގެން ނޫނީ ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭނެއެވެ. އަޢުރަ ނިވާނުކުރުން މިދަނީ ޢާންމުވަމުންނެވެ. އަޢުރަ ނިވާނުކޮށް އުޅެން ގިނަ ބައަކު ބިރުނުގަންނަކަން އެއީ ހާދަދެރަކަމެކެވެ.
އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް ހަށިގަނޑުން ނިވާކުރަންޖެހޭ މިންވަރު ކަނޑައަޅުއްވަވާފައިވަނީ ﷲ ތަޢާލާއެވެ. އެމިންވަރަށް ނިވާ ނުވެވޭނަމަ އެމީހެއްގެ ކިބައިގައި ﷲ ތަޢާލާއަށް އޮތީ ކޮން ކިޔަމަންތެރިކަމެއް ހެއްޔެވެ؟ ވީމާ އަޢުރަ ނިވާނުކޮށް އުޅުމަކީ ކުޑަކަމެއް ކަމަށް ހަަމއެކަކުވެސް ދެކެގެން ނުވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން