އަހުރެމެންނަށް އޮތީ ކުރާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާއަށްޓަކައި ކުރުމެވެ. އެއިރުން އެކަމަކުން ލުރާނެ ފައިދާ ބޮޑުވެގެންދާނެއެވެ. ލައްވަވާ ރަޙްމަތް ބޮޑުވާނެތީއެވެ. އެކަމެއްގައި ބަރަކާތް ލައްވަވާނެތީއެވެ. ވީމާ އަޑުއަހާށެވެ!
ﷲ ތަޢާލާއަށްޓަކައި މީހަކު ދެކެ ނުވަތަ މީސްތަކުން ދެކެ ލޯބިވާނަމަ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ ބައިވެރިޔާ ދެކެ ލޯބިވާންވީ ވެސް ﷲ ތަޢާލާއަށްޓަކައެވެ. އެއިރުން ތިބާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެނަމަ އެމީހަކަށްމަލާއިކަތުންގެ އިތުރުން ދުނިޔޭގެ އެންމެންގެ ލޯބިވެސް ލިބިގެންދާނެއެވެ.
މިއަދު މިވާގޮތަކީ ޙަޔާތުގެ ބައިވެރިން އިޚްތިޔާރުކުރެވެނީ އޭނާގެ ސިފައަށް ލޯބިންނެވެ. ނުވަތަ އޭނާއަށް ލިބިފައިވާ ތަނަވަސްކަމަށް ލޯބިންނެވެ. މިއީ ލޯބިވާން އޮތްގޮތެއް ނޫނެވެ. ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ.
ﷲ ތަޢާލާއަށްޓަކައި މީހަކު ދެކެ ލޯބިވެވިއްޖެނަމަ އެމީހަކަށް ވަފާތެރިވާނެއެވެ. ޚިޔާނާތްތެރިއެއް ނުވާނެއެވެ. ރަޙުމްކުރާނެއެވެ. އަޅައިލާނެއެވެ. ފަރުވާތެރިވާނެއެވެ. ބަސްބުނާނީވެސް ކަންކަންކޮށްދޭނީވެސް ލޯބިންނެވެ. އަނިޔާވެރި އެއްވެސް ޢަމަލެއް ނުކުރާނެއެވެ. ހަރުކަށިކަމާއެކު އެންމެ ކުޑަމިނުން ބަހެއްވެސް ނުބުނާނެއެވެ.
މިކަންކަން ގެއްލިގެންދަނީ ﷲ ތަޢާލާއަށްޓަކައި ލޯބި ނުވެވޭތީއެވެ. އަދި އެނގިގެން މިދިއައީ ﷲ ތަޢާލާއަށްޓަކައި ލޯބިވުމުން ދިރިއުޅުމުގައި މިހާރު މިޖެހޭ އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމެވެ. ދެމަފިރިންގެ ދިރިއުޅުމުގެ އަމާޒަކަށްވާނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބި އާޚިރަތް ކާމިޔާބުކުރެވުން ކަމެވެ. އިން ޝާ ﷲ
ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމެވެ. ދެން އެންމެ ބޮޑަށް ބޭނުންވާނީ ބައިވެރިޔާގެ ލޯބި ލިބުމެވެ. ވީމާ މިކަމަށް އޮތް އެންމެ ފަސޭހަމަގަކީ މިބުނި މަގު ނޫންހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން