ވަޤުތު ޖެހުމުން ނަމާދުނުކުރާ، ފުދޭވަރަށް އާމްދަނީ ލިބޭއިރުވެސް އިތުރުކުރަންވެގެން އަނބިދަރިންނަށް ވަޤުތުނުދޭ މީހުން އެތިބެނީ ނުރައްކާތެރި ޙާލަތެއްގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ވަޤުތު ޖެހުމުން ނަމާދުނުކުރާ، ފުދޭވަރަށް އާމްދަނީ ލިބޭއިރުވެސް އިތުރުކުރަންވެގެން އަނބިދަރިންނަށް ވަޤުތުނުދޭ މީހުން އެތިބެނީ ނުރައްކާތެރި ޙާލަތެއްގަ!

އަޅުގަނޑުގެ ފިރިމީހާ ކުރާ މަސައްކަތަކީ ގޭގައި ހުންނަ ފިހާރައެއް ހިނެގުމެވެ. ރަނގަޅު އާމްދަނީއެއްވެސް ލިބެއެވެ. ނަމާދު ވަޤުތު ޖެހުމުގެ 15 މިނިޓްކުރިން ހަނދާންކޮށްދެމެވެ. އެކަމަކު މަދުފަހަރަކު ނޫނީ ޖަމާޢަތުގެ ނަމާދަކަށް ނުދެއެވެ. އެހެންވެ ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟  

ޖަވާބުގައި ބުނެލަން އޮތީ ތިއަ ޙާލަތުގައި ދީނީ ޢިލްމްވެރިއަކު މެދުވެރިކޮށްގެން ނަޞީޙަތްދިނުން ރަނގަޅުވާނެއެވެ. ދެން އޮތީ ތިބާ އޭނާއަށް ހަނދުމަކޮށްދޭކަމެވެ. އެކަން ހުއްޓައިނުލާށެވެ! އެކަމަށް ތިބާއަށް ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ. އަދި ތިރީގައިވާ ލިޔުން ޝެއާކޮށްލުންވެސް ރަނގަޅެވެ.  

ބައެއް މީހުން ދެކޭ ގޮތުގައި ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރުމަކީ އެހެން ދީނަކަށް، ބުދަކަށް، ޞަލީބަށް ނުވަތަ އެނޫންވެސް މީހުން އަޅުކަންކުރަން ގެންގުޅޭ އެފަދަ އެއްޗަކަށް އަޅުކަންކުރުމެވެ. އެހެންވެ މުސްލިމުން ތިބެނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. އެއީ އެފަދަ އެއްޗަކަށް ތިމާ އަޅުކަން ނުކުރާތީއެވެ.  

އަހުރެންގެ ވިސްނުމުގައި އަދި އެވަރުން ފުއްދައިލެވޭކަށް ނެތެވެ. ސަބަބަކީ ފައިސާޢަކީވެސް މިއަދު ގިނަ ބައަކު އަޅުކަންކުރާ އެއްޗަކަށްމިވަނީ ވެފައެވެ. މިޘާލަކަށް ބަންގިގޮވުމުން ނަމާދުނުކޮށް ފައިސާހޯދަން މަސައްކަތްކުރާނަމަ އެމީހެއްގެ ކުރިމަތީގައި ﷲ ތަޢާލާއަށްވުރެ ފައިސާ މާމުހިންމެވެ. ފުދިގެން ދިރިއުޅެވޭނެ މިންވަރަށް ދެއްވަވާއިރުވެސް އަނބިދަރިންނަށް ދޭންޖެހޭ މިންވަރަށް ވަޤުތުނުދީ ފައިސާ އިތުރުކުރަން މަސައްކަތްކުރާނަމަ އަނބިދަރިންނަށްވުރެ ފައިސާ މާމުހިންމެވެ. މިޙާލަތުގައި އެމީހަކީ ފައިސާއަށް އަޅުކަންކުރާ މީހަކު ކަމުގައި ނުވާނީ ކިހިނަކުން ހެއްޔެވެ؟  

ކޮންމެ ދީނަކަށް ބެލިނަމަވެސް އެބައަކު ޤަބޫލުކުރާ ކަލާނގެއަށްވުރެ މުހިންމު އެއްޗެއް ނުއޮންނާނެއެވެ. މިއީ އެންމެންވެސް ޤަބޫލުކުރާ ކަމެކެވެ. އިސްލާމް ދީނަށް ބަލައިފިނަމަ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ އަޅުކަންކުރުމަށްވުރެ މުހިންމު އެއްވެސް ކަމެއް އޮވެގެން ނުވާނެކަން ޤުރްއާނާއި ސުންނަތުން އެއޮތީ ފެންނާށެވެ! 

ދެން ނިކަން ބުނެބަލާށެވެ! ވަޤުތު ޖެހުމުން ނަމާދުނުކުރާ އެއްވެސް މީހާގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ވަޤުތުޖެހުމުން ނަމާދުނުކޮށް ފައިށާ ގިނަކުރަން މަސައްކަތްކުރާނަމަ އެމީހަކަށް އިސްކަން އެދެވެނީ ކޮންކަމަކަށް ހެއްޔެވެ؟ ﷲ ތަޢާލާއަށް ހެއްޔެވެ؟ ފައިސާއަށް ހެއްޔެވެ؟ ސަލާމަތް ބުއްދިން ވިސްނީމާ ކޮންމެ މީހަކަށްވެސް މިސުވާލުތަކުގެ ޖަވާބު ލިބޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން