ދުނިޔެއިން ލިބޭ މިންވަރު މަދުވެގެން ހިތުގަ އުފެދޭ ކަންބޮޑުވުންތަކުން ދުރުވެގަންނަންވީ ކީއްވެ؟: ޑރ އުމަރް ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 16ސ
ދުނިޔެއިން ލިބޭ މިންވަރު މަދުވެގެން ހިތުގަ އުފެދޭ ކަންބޮޑުވުންތަކުން ދުރުވެގަންނަންވީ ކީއްވެ؟: ޑރ އުމަރް ސުލައިމާން

ޢާއިޝަތު ރަފާޙް ޢަލީ

 

އިސްލާމްދީނަށްޓަކައި ޞަހާބީބޭކަލުން އެބޭކަލުންގެ ޖާނާއި މާލު ޤުރުބާންކުރެއްވެވިއެވެ. އަދި ހަމަ އެކަމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެބޭކަލުންނަށް ތަޢުރީފުގެ ބަސްފުޅު ކުރެއްވިއެވެ. އެބޭކަލުން އަބަދުވެސް އަމިއްލަ ނަފްސުގެ މައްޗަށް އެހެން މީހުންނަށް އިސްކަންދެއްވެވިއެވެ. ދެން، މިހާ ހިސާބުން، އެތައް ބުރަ މަސައްކަތަކަށްފަހު މައްކާ ފަތަޙަވިއެވެ. އެއީ ﷲގެ ޙަޟްރަތުން ލިބުނު ނަޞްރެކެވެ. އަދި އެ ނަޞްރުގެ ބޮޑުބައި ޙާޞިލްވީ ﷲ ތަޢާލާގެ ވާގިފުޅާއިއެކު އެބޭކަލުންގެ މަސައްކަތުންނެވެ.

އަދި މިހާރު ތިބާ އުންމީދުކުރަމުން އެދަނީ ތިބާގެ މަސައްކަތުގެ އަގު ވަޒަންކުރެވޭނެ ކަމަށެވެ. ދެން ތަޞައްވަރުކޮށްލާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެނބުރިވަޑައިގެން، ޙުނައިން ހަނގުރާމައިގެ ޣަނީމާ މުދާ، އެކަލޭގެފާނު ޤަތުލުކުރަން އުޅުނު މީހުންނަށް ދެއްވިތަން ފެނުމުން ވާނެގޮތެވެ. ވިހި އަހަރު ވަންދެން މުސްލިމުންނަށް އަނިޔާކުރި ހަމަ އެމީހުންނަށެވެ. ތިބާ މުސްލިމުން ދިފާޢުކުރީ ހަމަ އެމީހުންގެ ކިބައިންނެވެ. އަދި އެމީހުންގެ ތެރެއިން ގިނަ މީހުން މުސްލިމުވީވެސް މައްކާ ފަތަޙަވުމަށްފަހުއެވެ. އެކަމަކު މިހާރު، އެބޭކަލުންގެ ހުރިހާ މަސައްކަތެއްގެ މޭވާ ލިބެމުން އެދަނީ އެމީހުންނަށެވެ.

އާދެ، އަންޞާރިއްޔަ ބޭކަލުންގެ ހިތްޕުޅުގައި ޖެހުނެވެ. އަދި އެބޭކަލުންނަށް ހީފުޅުވީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަލުން މައްކާއަށް ބަދަލުވެވަޑައިގެން، އެބޭކަލުން ހަނދުމަނެތިކޮށްލައްވާނެ ކަމަށެވެ. 

އެކަމަކު، ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަލުންނަށް ގޮވާލައްވައި ޙަދީޘްކުރެއްވިއެވެ. "އޭ އަންޞާރުންނޭވެ! އެމީހުން އެމީހުންގެ ފައިސާއާއި ޖަމަލުތަކާއިގެން ގޮސް، ތިޔަބައިމީހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއެކު މަދީނާއަށް އެނބުރި ދިޔުމާމެދު ތިޔަބައިމީހުން ހިތްހަމަ ނުޖެހެނީ ހެއްޔެވެ؟" 

އެ ބަސްފުޅު އެބޭކަލުންނަށް ހުރިހާ އެއްޗަކަށްވުރެވެސް މާ އަގުބޮޑުވެގެން ދިޔައެވެ. ސަބަބަކީ، އެބޭކަލުންގެ ހިތްތަކުގައި އާޚިރަތުގެ ވަކި ވިސްނުމެއް އޮތުމެވެ. އެ ވިސްނުމަކީ، މި ދުނިޔޭގައި އެއްވެސް މީހަކު އުޅެން ބޭނުންވާނެ ކޮންމެ ދިރިއުޅުމަކަށްވުރެ މާ މުހިންމު ވިސްނުމެކެވެ. އެހެންކަމުން، އެބޭކަލުން ހަނގުރާމައިގެ މުދަލުން މަޙްރޫމްވުމުން ހިތްޕުޅުހަމަޖެހިވަޑައިގެންނެވިއެވެ. ސަބަބަކީ، އެބޭކަލުންނަށް އެނގިވަޑައިގަންނަވާ ގޮތުގައި އެބޭކަލުންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަދިވެސް އެބޭކަލުންނާއެކު ވެއެވެ. އަދި ސުވަރުގެ އަދިވެސް ކުރިމަތީގައި އެބައޮތެވެ.

ޢުބާދާ ބުން ޞާމިތު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. "އޭ ލޮބުވެތި ދަރިފުޅާއެވެ! ހަމަކަށަވަރުން ތިބާއަށް އީމާންކަމުގެ ޙަޤީޤީ މީރުކަން އިޙްސާސް ނުކުރެވޭނެއެވެ." حتى تعلم أن ما أصابك لم يكن يخطئك "ތިބާއަށް ލިބުނު އެއްޗަކީ، ތިބާއާ އަރާ ހަމަނުވެ ދާން އޮތް އެއްޗެއް ނޫންކަން އެނގިއްޖައުމަށް ދާންދެނެވެ." وأن ما أخطأك لم يكن يصيبك "އަދި ތިބާއަށް ނުލިބި ދިޔަ އެއްޗަކީ، ތިބާއަށް ލިބެން އޮތް އެއްޗެއް ނޫންކަން އެނގިއްޖައުމަށް ދާންދެނެވެ." 

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވި ފަދައިން، لابد من نفوذ القدر فاجنح للسلم "މިންވަރު ކަނޑައެޅިގެން ހިނގާނެއެވެ. ފަހެ، އެކަމާ ސުލްޙަވެގަންނާށެވެ." 

އަހަރުމެންނަށް ހީވަނީ މިންވަރު އެހެން މީހަކަށް ރަނގަޅަށް މަސައްކަތް ކުރަނީހެންނެވެ. އެކަމަކު، އަހަރުމެންގެ ފައިދާއަށް މިންވަރު މަސައްކަތްކުރާ ހުރިހާ ގޮތްތަކެއް އަހަރުމެންނަކަށް ނޭނގެއެވެ. އަހަރުމެން ބޭނުންވާ ކަންކަމަށް ވާސިލްވުމަށް ދުނިޔެވީ ވަސީލަތްތަކާއި، މީހުންނާއި، ސަބަބުތަކާ އަހަރުމެންގެ ހިތްތައް ގުޅިފައިވެއެވެ. އަދި އެންމެ ފުރަތަމަވެސް އަހަރުމެން ހަޤީޤަތުގައި ބޭނުންވީ ކޮން އެއްޗެއްކަން ހަނދާން ނެތެއެވެ. 

ތިބާ ހަޤީޤަތުގައި ބޭނުންވީ ވަކި މީހެއް ނޫނެވެ. ތިބާ ބޭނުންވީ ލޯތްބާއި، އެކުވެރިކަމެވެ. އަދި އެކަން އެމީހެއްގެ ފުށުން ލިބޭނެކަމަށް ތިބާއަށް ހީކުރެވުނީއެވެ. އެހެންކަމުން، ތިބާ ހަޤީޤަތުގައި ބޭނުންވާ އެއްޗަކަށް ﷲގެ ޙަޟްރަތުން އެދޭށެވެ. އެކަމަކު، އައު ފުރުޞަތުތަކަށް ތިބާގެ ހިތް ހުޅުވާލާފައި، ﷲގެ ރޭއްވެވުންފުޅަށް އިތުބާރުކުރާށެވެ. 

އަދި ބައެއް ފަހަރު، ތިބާ އެންމެ ހީވެސް ނުކުރާ ތަންތަނުން އެއިލާހު ތިބާގެ މަގުގައި ނިޢުމަތްތައް ލައްވާނެއެވެ. ﷲ ތަޢާލާ ޠަލާޤް ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ "އަދި އެއިލާހު ތިބާއަށް ހީވެސް ނުކުރާ ހިސާބަކުން ރިޒުޤު ދެއްވާނެއެވެ."

 

                   

މިއަދު އޮންލައިން