ކިތަންމެ ޣާތް މީހަކަށް ނަމަވެސް ދޭ ނަޞީޙަތް ޤަބޫލުނުކުރާނަމަ މާޔޫސްވާނެއެވެ. ދަރިންނާއިމެދުވެސް އެޙާލަތު މެދުވެރިވެއެވެ. އޭނާއަކީ އިޞްލާޙް ނުވާނެ މީހަކު ކަމަށް ބަލައި އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލެވެއެވެ. ނަމަވެސް މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.
އެއްވެސް މީހަކީ މުނާފިޤެއް ނޫނީ އިޞްލާޙް ނުވާނެ މީހެއް ކަމަށް ބަލައި ހެޔޮނަޞޭޙަތް ދޭން ފަސް ނުޖެހޭށެވެ! ފުރަތަމަ ކަމަކީ އޭނާގެ ހިތް އަހުރެމެންނަކަށް ނުއެނގޭނެއެވެ.
އެކަމުގެ ދަލީލަކީ އެންމެ ނުބައި ޢަމަލުތައް ކުރަމުން ދިއަ ފިރުއަޢުނަށް އޯގާތެރިކަމާއިއެކު ނަޞޭޙަތް ދެއްވެވުމަށް ﷲ ތަޢާލާ މޫސާގެފާނަށް އެންގެވިކަމެވެ.
މީސްތަކުންނޭވެ! ކިތަންމެ ނުބައި މީހަކަށް ނަމަވެސް ނަޞޭޙަތް ދިނުމުން ޤަބޫލުކޮށްވެސް ކޮށްފާނެއެވެ. އޭނާގެ ހިތުގައި ޠޯހިރުކަމުގެ މިންވަރެއް ހުރެދާނެއެވެ. އެއީ އަހުރެމެންނަށް އެނގޭނެ ކަމެއް ނޫނެވެ.
ދެން އޮތީ ނަޞޭޙަތް ދިނުމުން އޭނާ އެކަން ޤަބޫލުނުކުރުމެވެ. އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އަހުރެމެންނަށް އޮތީ ނަޞޭޙަތް ދިނުމެވެ. ޤަބޫލުކުރުމާއި ނުކުރުމަކީ އެމީހާގެ ކިބައިގައި އޮތްކަމެކެވެ. ނަޞޭޙަތް ދިނުމުން އަހުރެމެންގެ މައްޗަށް އޮތް ވާޖިބް އަދާކުރެވުނީއެވެ. އެކަމަށް ޙައްޤު ޖަޒާ ނަޞޭޙަތް ދިން މީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ.
އަދިވެސް ބުނަން ހެއްޔެވެ؟ ވަރަށް ނުބައިކޮށް އުޅޭ މީހުންނަށްވެސް ނަޞޭޙަތް ދިނުމުން އިޞްލާޙްވެއެވެ. އެގޮތުން ގިނަ ބައަކަށްވަނީ ތެދުމަގު ލިބިފައެވެ. އެމީހުން އިޞްލާހްވުމަށްފަހު ވަނީ އިސްލާމް ދީނަށް ބޮޑެތި ޚިދުމަތްތައް ކޮށްފައެވެ. ދީނަށް ނަޞްރުދީފައެވެ. ވީމާ އެއްވެސް މީހަކީ އިޞްލާޙްނުވާނެ މީހަކު ކަމަށް ނިންމައިގެން ނުވާނެއެވެ.
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން