ބައެއް މީހުން ކުރާ ސުވާލަކެވެ. "މަރުވެދާނެކަމަށް މުސްލިމުން ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟"
ޖަވާބަކީ މުސްލިމުންނަކީ ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަން ޤަބޫލުކޮށްގެން ތިބޭބައެކެވެ. އަދި މަރުވުމަކީ ނިމުން ނޫންކަމަށާއި މަރުވުމުން ދެން ތިބޭނީ ﷲ ތަޢާލާގެ މާތަނަވަސް ރަޙްމަތުގައިކަންވެސް ޤަބޫލުކޮށްގެން ތިބޭ ބައެކެވެ. ވީމާ މަރުވެދާނެ ކަމަށް ނުވަތަ ނުވަތަ މީހަކު ތިމާ މަރާލައިފާނެ ކަމަށް މުސްލިމުން ބިރެއް ނުގަންނާނެއެވެ.
އެއިގެ ބަދަލުގައި މުސްލިމުން ބިރުގަންނާނީ ހެޔޮ ޢަމަލުތައް ކުރެވޭވަރު މަދުވެދާނެތީއެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫންގޮތަކަށް މަރުވެދާނެތީއެވެ.
މިއަދު ގިނަ ބައަކު މަރުދެކެ ބިރުގަނެއެވެ. ތިބެނީ މަރުވެދާނެތީ ބިރުންނެވެ. އެއީ އެމީހުންނަށް ހެޔޮޢަމަލުތައް ނުކުރެވޭތީއެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނުއުޅެވޭތީއެވެ. ނަމާދުނުކުރެވޭތީއެވެ. ޛިކުރް ނުކުރެވޭތީއެވެ. ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރެވޭތީއެވެ.
ވީމާ މަރުދެކެ ބިރުން ހުންނަ މީހަކަށް ވާން ބޭނުން ނުވާނަމަ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ދުނިޔޭގައި އުޅެން މަސައްކަތްކުރާށެވެ. ކޮންމެ ދުވަހަކީވެސް ކުރެވުނުހައި ގިނައިން ހެޔޮ ޢަމަލު ކުރާ ދުވަހަކަށް ހަދާށެވެ! އެއިރުން މަރުވެދާނެތީ ބިރުން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން