ވިސްނައިލިޔަސް އެނގޭނެއެވެ. މައިމީހާދެކެ ވާލޯތްބާއި އަނބިމީހާދެކެ ވާލޯތްބަކީ ތަފާތު ދެލޯތްބެކެވެ. ލޯބިވަނީވެސް ތަފާތު 2 ސަބަބަކަށެވެ. އަދި ލޯބިވާންޖެހޭނީވެސް ތަފާތު ދެ ސަބަބަކަށެވެ. އެއިގެ އިތުރުން ލޯބިވުމުގެ ތެރެއިން ޙާޞިލުކުރަންޖެހެނީވެސް މުޅިން ތަފާތު ދެކަމެކެވެ.
ނަމަވެސް ގިނަބައަކަށް މިކަންކަމެއް ނުވިސްނެއެވެ. ލޯބި ކިޔާތީ ވިސްނެނީ މިދެ ލޯތްބަކީވެސް އެއް ލޯތްބެއް ކަމަށެވެ. އެހެންވެ ލޯބީގައި މަންމައާއި ޅީދަރިފުޅު ވާދަކުރެވޭތަން އެބައައުދެއެވެ. އެކަންކަން ބޮޑު މައްސަލައަކަށްވެ ފިތުނައަކަށްވެސް އެބަ ބަދަލުވެއެވެ.
މިކަން އެނެގެނީ ކައިވެނިކުރުމަށްފަހު ދަރިފުޅުގެ ސަމާލުކަން ބޮޑުވާންޖެހޭނީ އަނބިމީހާއަށްތޯ ނުވަތަ މައިމިހާއަށްތޯ ގިނަ ބައަކު ސުވާލުކުރާތީއެވެ. އެސުވާލުގެ ޖަވާބު ކުރިން މިދިނީއެވެ. މައިމީހާދެކެ ވާންޖެހޭ ލޯބި ކިތަންމެ ބޮޑަށް ވުމަކުން އަނބިމިހާއަށް ލިބޭނެ އެއްވެސް އުނިކަމެއް ނެތެވެ. އަދި އަނބިމީހާދެކެ ވާންޖެހޭ ލޯބި ކިތަންމެ ބޮޑަށް ވުމަކުން މައިމީހާއަށް ލިބޭނެ އެއްވެސް އުނިކަމެއްވެސް ނެތެވެ.
ދެން ބަލައިލަންވީ އަނބިމިހާ އާއި މައިމީހާދެކެ ލޯބިވާވަރު ބޮޑުނަމަ އެކަމުން ދެމީހުންނަށްވެސް ކުރާނެ ފައިދާއަށެވެ. އެކަމުން އަންގައިއެދެނީ އެދެނީ ދަރިފުޅުގެ ހުރި ރަނގަޅުކަމެވެ. ވީމާ އަނބިމިހާއަށް އޮތީ ފިރިމީހާއަށް ހިތްވަރުދީ ވާގިވެރިވުމެވެ. މައިމީހާއަށްވެސް އޮތީ ދަރިފުޅަށް ހިތްވަރުދީ ވާގިވެރިވުމެވެ. ދެމައިންނަށްވެސް ފައިދާކުރާނީ އެއިރުންނެވެ.
އެއިގެ ބަދަލުގައި މިބުނި ކަންކަމަށް ނުވިސްނައި ދެމައިން ވާދަކޮށް ހަނގުރާމަކުރާނަމަ އެކަންކަން ވެގެންދާނީ ބޮޑު ފިތުނައަކަށެވެ. އަރައިނުގަނެވޭނެ ވަރުގެ ބޮޑެތި ދެރަތައް ލިބުން އޮންނާނީ ދާދިގާތުގައެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން