ކިތަންމެ ބޮޑު ދަތިހާލެއް ކުރިމަތިވިޔަސް އެހެން މީހެއްގެ ކިބައިން ކަމަކަށް އެދޭނަމަ އަނެކާގެ ބާވަތަށް ބަލަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ކިތަންމެ ބޮޑު ދަތިހާލެއް ކުރިމަތިވިޔަސް އެހެން މީހެއްގެ ކިބައިން ކަމަކަށް އެދޭނަމަ އަނެކާގެ ބާވަތަށް ބަލަންޖެހޭނެ!

އެންމެންނަކީ ވިސްނުމާއި މިޒާޖު އެއްގޮތް ބައެއް ނޫނެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ވީމާ ކޮންމެ މީހަކާއިމެދުވެސް ވިސްނަންވާނީ އޭނާގެ މިޒާޖުންނެވެ. މިހެން މިބުނާ ސަބަބަށް ބަލައިލާނަމެވެ. 

އަހުރެމެންނަށް އޮތީ މީސްމީހުންގެ ގާތުގައި ކަންކަމު ނުކިޔައި އުޅެން މަސައްކަތްކުރުމެވެ. އެކަމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވަވައިފައެވެ. ސަލާން ނުޖަހައި ކިތަންމެ ބުރަ މަސައްކަތެއްކޮށްގެން ނަމަވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަން މަސައްކަތްކުރަން ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. އެހެންކަމާއިއެކުގައިވެސް މީސްމީހުންގެ ގާތުގައި ކަންކަމު ކިޔަން މަޖުބޫރުވާ ޙާލަތުވެސް ކުރިމަތިވާނެއެވެ. މިކިޔައިދެނީ އެފަދަ ޙާލަތުގައި ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތެވެ. 

މީހުގެ ގާތުގައި ކަންކަމު ނުކިޔައި އުޅުމުގައި 3 ގޮތެއްވެއެވެ. އެއްގޮތަކީ ތަނަވަސްކަން ލިބިފައިވުމުން ނުވަތަ ފުދިގެން ހުންނާތީ އެހެން މީހުންގެ ގާތުގައި ކަންކަމު ކިޔަން ނުޖެހޭ މީހުންނެވެ. ދެވަނަ ގޮތަކީ ކިތަންމެ ބޮޑަށް ދަތިވި ނަމަވެސް ދެން އެހެން އހެން ގޮތެއް ނެތިގެން ނޫނީ މީހުންގެ ގާތުގައި ކަންކަމު ނުކިޔައި (ނުއެދި) އުޅެން މަސައްކަތްކުރާ މީހުންނެވެ. 

އަހުރެމެންނަށް ދިރިއުޅެން އަންގަވާފައި އޮތީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ މީހުންގެ ގާތުގައި ކަންކަމު ނުކިޔައެވެ. ބައެއް މީހުންނަކީ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ބައެކެވެ. ކިތަންމެ ބޮޑަށް ދަތިވި ނަމަވެސް އެމީހުން މަސައްކަތްކުރާނީ މީހެއްގެ ގާތުގައި ކަންކަމު ނުކިޔައި އުޅުމަށެވެ. 

މީގެ އިތުރުން 3 ވަނަ ބައަކުވެސް އުޅެއެވެ. އެއީ މީހުންގެ ގާތުގައި ކަންކަމު ކިޔާނަމަ އެހެން މީހުންވެސް ތިމާ ގާތުގައި ކަންކަމު ކިޔާނެތީ މީހުންގެ ގާތުގައި ކަންކަމު ނުކިޔައި އުޅޭ މީހުންނެވެ. ޢާންމު ގޮތެއްގައި މިބާވަތުގެ މީހުންނަކީ އެހެން މީހުން އެމީހުންގެ ގާތުގައި ކަންކަމު ކިޔަން އެދޭ ބައެއް ނޫނެވެ. 

ވީމާ ކަމަކަށް ދަތިވެ ދެން އެހެން ގޮތެއް ނެތިގެން މީހެއްގެ ގާތުގައި ކަމަކަށް އެދެން ޖެހުނަސް މިކަންކަމަށް ވިސްނަންވާނެއެވެ. ތިމާއަށް މިއެދެވެނީ ކޮން ބާވަތެއްގެ މީހެއްގެ ގާތުގައިކަން ދެނެގަންނަންވާނެއެވެ. މިބުނި 3 ވަނަ ބާވަތުގެ މީހެއްގެ ގާތުން ކަމަކަށް ނުއެދެން މަސައްކަތްކުރަންވާނެއެވެ. 

މީގެ އިތުރުން ކަމެއް ކޮށްދިނުމަށްފަހު ކަލަގޮވަމުން ހިނގާ މީހުންގެ ގާތުގައިވެސް ކަންކަމު ނުއެދެން މަސައްކަތްކުރަންވާނެއެވެ. މީހަކަށް ކަމެއް ކޮށްދީފައި ކަލަގޮވުމަކީ ވަރަށް ނުބައި ސިފައެކެވެ. ކަލަގޮވުމުން އެމީހާ ކޮށްދިން ހެޔޮކަން އެމީހާއަށް ގެއްލިގެންދިއައީއެވެ. ލިބުން އޮތް ޘަވާބު ގެއްލި، ފާފަވެރިވީއެވެ. 

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ކިތަންމެ ދަތިވިނަމަވެސް އެހީތެރިވުމަށްފަހު އެކަމުގެ ނާޖާއިޒު ފައިދާ ނަގާ މީހުންގެ ގާތުގައި ކަންކަމު ނުކިޔާށެވެ! ބަދަލުގައި އެދޭނީ ކޮންފަދަ ބޮޑުކަމަކަށްކަން ނުވެސް އެނގޭނެއެވެ. ކިތަންމެ ބޮޑު ނުބައިކަމަކަށްވެސް އެދިދާނެތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން