ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސްވެރިންނަށް ތަހުނިޔާ ފޮނުއްވައިފައެވެ.
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މެޑަމް ސާޖިދާ މި ތަހުނިޔާ ފޮނުއްވާފައިވަނީ މީސްމީޑިއާގައި ޕޯސްޓެއް ހިއްސާކުރައްވަމުންނެވެ. އެކަމަނާގެ މެސެޖުގައި ވަނީ ދިވެހި މަސްވެރިންގެ ހީވާގިކަމާއި، ކެރުމާއި، ހިތްވަރަށް ޚާއްސަ ސާބަސް ދެއްވާފައެވެ. އަދި އެކަމަނާ ވަނީ މަސްވެރިންނަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައިވާކަން ފާހަގަކުރައްވާފައެވެ.
ދިވެހި އިޤްތިޞާދުގެ މައި ތަނބުގެ ގޮތުގައިވާ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ފާހަގަކުރާ މި ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ބާއްވަނީ ރ. ދުވާފަރުގައެވެ. މަސްވެރިންގެ ދުވަހަކީ ގައުމީ ފެންވަރުގައި ބޮޑު އިސްކަމެއް ދީގެން ފާހަގަކުރާ ދުވަހެކެވެ.