ޏ. ފުވައްމުލަކުގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ގާއިމުކުރުމަށް ބޭނުންވާ ބިންގާ އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތަކީ ރަށުގެ ކަރަންޓު ގްރިޑަށް އާދެމިހުންނަނިވި ހަކަތަ ގުޅާލުމާއި، ކަރަންޓު ނިޒާމުގެ ހަމަޖެހުން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ބެޓެރީ ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ކަރަންޓު ސްޓޭޝަން ގޯތިތެރޭގައެވެ. ކަރަންޓު ސްޓޭޝަން ގޯތިތެރޭގައި މި ސިސްޓަމް ގާއިމުކުރުމުގެ ސަބަބުން ރަށުގެ ކަރަންޓު ގްރިޑަށް މި ސިސްޓަމް ގުޅާލުން ފަސޭހަވެ، ހަކަތަ މެނޭޖުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
2 މެގަވޮޓް ހަވަރެއްގެ މި ބީ.އީ.އެސް.އެސް ސިސްޓަމަކީ، 2 މެގަވޮޓްގެ ސޯލާ ޕީ.ވީ (ފޮޓޯވޮލްޓައިކް) ސިސްޓަމްތަކަށް ބާރުދިނުމަށްޓަކައި ބޭނުންކުރެވޭނެ ސިސްޓަމެކެވެ. މިކަމުގެ ސަބަބުން ފުވައްމުލަކުގެ ހަކަތަ ފޯރުކޮށްދޭ ނިޒާމުގައި ސޯލާ ހަކަތައިގެ ބައި އިތުރުކޮށް، ސާފު ހަކަތައިގެ ބޭނުން އިތުރަށް ހިފުމަށް މަގުފަހިވާނެއެވެ. މިއީ ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކުގައި އާދެމިހުންނަނިވި ހަކަތައިގެ މަޝްރޫއުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.
ހަބަރު: ސަރުކާރު