48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށިފަހުން މަސްވެރިން ކިރުވި މަހަށް 900،322،300 ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށިފަހުން މަސްވެރިން ކިރުވި މަހަށް 900،322،300 ރުފިޔާ ދޫކޮށްފި

މަސްވެރިންނަށް މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން، މިހާތަނަށް ޖުމްލަ 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު މި ޕްރޮގްރާމް ފެށުނު ފަހުން، ޖުމްލަ 58،510 ޓަނުގެ މަހަށް މި އަދަދު ދޫކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަސްވެރިން ބާނާ މަހުގެ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރަން ފަށާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެދުވަހުން ފެށިގެން މިހާތަނަށް މަސްވެރިކަމުގެ ސިނާއަތަށް މިވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މަސްވެރިންނަށް ދޫކުރެވުނު ޖުމްލަ ފައިސާގެ އަދަދު 900،322،300 ރުފިޔާއަށް އަރާފައިވާއިރު، މިއީ މަސްވެރިންގެ ދިރިއުޅުމަށް ދިމާވާ މާލީ ދަތިތަކަށް ލުއިކަމެއް ގެނެސްދޭނެ ކަމެއްކަން ކަށަވަރެވެ.

މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލުތަކަށް ބަލާއިރު، އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ 2025 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައެވެ. އެގޮތުން، ފެބުރުއަރީ މަހު 138،960،574 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ޖަނަވަރީ މަހު 119،288،592 ރުފިޔާ ދޫކޮށްފައިވާއިރު، މެއި މަހު 103،471،679 ރުފިޔާ އަދި އޭޕްރީލް މަހު 101،072،638 ރުފިޔާ ދޫކޮށްފައިވެއެވެ.

މަސްވެރިންނަށް މަސްކިރުވި ފައިސާ ދޫކުރެވުނު މަސްތަކުގެ ތަފްސީލު ތިރީގައި މިވަނީއެވެ:

  • 2024 ޑިސެމްބަރު 10 - 31 އާއި ހަމައަށް: 41،560،475 ރުފިޔާ
  • 2025 ޖަނަވަރީ: 119،288،592 ރުފިޔާ
  • 2025 ފެބުރުއަރީ: 138،960،574 ރުފިޔާ
  • 2025 މާރިޗު: 87،423،612 ރުފިޔާ
  • 2025 އޭޕްރީލް: 101،072،638 ރުފިޔާ
  • 2025 މެއި: 103،471،679 ރުފިޔާ
  • 2025 ޖޫން: 58،167،727 ރުފިޔާ
  • 2025 ޖުލައި: 62،190،088 ރުފިޔާ
  • 2025 އޮގަސްޓް: 46،340،649 ރުފިޔާ
  • 2025 ސެޕްޓެމްބަރ: 39،319،615 ރުފިޔާ
  • 2025 އޮކްޓޯބަރ: 31،291،861 ރުފިޔާ
  • 2025 ނޮވެމްބަރ: 39،592،359 ރުފިޔާ
  • 2025 ޑިސެމްބަރ 8ވަނަ ދުވަހާއި ހަމައަށް: 31,642,431 ރުފިޔާ

މިކަމުގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީގެ ޔަޤީންކަން ބޮޑުވެ، މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރުވައި، ދިވެހި އިޤްތިޞާދަށް ދާއިރާގެ ކުރިމަގު އިތުރަށް އުޖާލާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން