ހުޅުމާލޭގައި އަލަށް ހަވާލުކުރި ބައެއް ފްލެޓްތަކުގެ ފެން ބިލު އާދަޔާ ޚިލާފަށް ބޮޑުކަމަށްބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަތައް ޙިއްސާކުރަމުންދާ ދަނޑިވަޅެއްގައި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފައިވަނީ ދައުރުވަމުންދާ ބިލުތަކަކީ ފްލެޓްތައް ވެރިފަރާތާ ހަވާލުކުރުމުގެ ކުރީގެ ބިލްތަކެއް ކަމަށެވެ.
އެހެންކަމުން މި ބިލްތަކަށް ފްލެޓްތަކުގެ ވެރިން ޒިންމާވާން ނުޖެހޭނެ ކަމަށް އެފްޑީސީން ވަނީ ޔަޤީންކަން ދީފައެވެ.
މިކަމާގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވީ، ކޮންމެ ފްލެޓެއްވެސް ވެރިފަރާތާ ހަވާލުކޮށްފައިވަނީ، ގޭގެ ވެރިން ބައިތިއްބައިގެން ޔުޓިލިޓީގެ ކަންކަން ޗެކްކޮށްފައި ކަމަށެވެ. އަދި އެމީހުންގެ ހާޒިރުގައި މީޓަރުތަކުގެ ފޮޓޯވެސް ނަގާ ޙިއްސާކޮށް، މިފަދަ އެއްވެސް މައްސަލައެއް ނެތްކަން ކަށަވަރުކުރުމަށްފަހުގައިކަމަށް ޝަކީލް ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ދަޢުރުވަމުންދާ ބިލުތަކަކީ، ފްލެޓްތަކުގެ ވެރިން ޒިންމާވާން ޖެހޭނެ ބިލްތަކެއް ނޫންކަމަށް އެފްޑީސީ އާއި އެމްޑަބްލިއުއެސްސީންވެސް ވަނީ ވިދާޅުވެފައެވެ.
ޝަކީލް އިތުރަށް ވިދާޅުވީ، ހުރިހާ ކަމެއް ކަށަވަރުކޮށް ތަޅުދަނޑި ހަވާލުކުރުމަށްފަހު ގޭގެ ކަންކަން ބަލަހައްޓާނީ ފްލެޓްތަކުގެ ވެރިންކަމަށެވެ. ނަމަވެސް ބޮޑު މައްސަލައެއް ފާހަގަވާނަމަ ރިޕޯޓްކުރުމަށްވެސް އަންގާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެފްޑީސީން ބުނެފައިވާގޮތުގައި، މިހާރު ދައުރުވަމުންދާ ބިލްތަކަކީ ފްލެޓްތައް ހެދުމުގެ މަސައްކަތް ކުރަމުންދިޔައިރު ބޭނުންކޮށްފައިވާ ފެނަށް އެފްޑީސީން ޒިންމާވާ ބިލްތަކެކެވެ. އެހެންކަމުން މިކަމުގައި އެއްވެސް މީހަކު ކަންބޮޑުނުވުމަށް އެދިފައިވާއިރު، މައްސަލައެއް ފާހަގަވާނަމަ އެންގުމަށްވެސް ވަނީ އެދިފައެވެ.