ދިވެހިރާއްޖޭގެ ވެކްސިންގެ ޤައުމީ ޝެޑިއުލް އިތުރަށް ފުޅާކޮށް، މިއަދުން ފެށިގެން އިތުރު ދެ ވެކްސިނެއް އެ ޝެޑިއުލްގައި ހިމަނައިގެން ދޭން ފަށައިފިއެވެ.
ވެކްސިންގެ ޤައުމީ ޝެޑިއުލްގައި ހިމާނާފައިވާ ދެ ވެކްސިނަކީ "ނިއުމަ ކޯކަލް" ވެކްސިނާއި، "ރޯޓާ ވައިރަސް" ވެކްސިނެވެ. މި ދެ ވެކްސިން ދެމުން ގެންދާނީ އުމުރުން 2 މަހާއި، 4 މަސް އަދި 6 މަހުގެ ކުދިންނަށެވެ. މިކަމުގެ ސަބަބުން ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވެކްސިން ޕްރޮގްރާމްގެ ޑިރެކްޓަރ ނާޝިޔާ އަބްދުލް ޣަފޫރު ވިދާޅުވީ، މިއަދުން ފެށިގެން އެ ދެ ވެކްސިން ޤައުމީ ވެކްސިން ޝެޑިއުލްގައި ހިމަނައިގެން ދޭން ފަށާނެ ކަމަށެވެ.
ނާޝިޔާ ވިދާޅުވީ، ކުރިން މި ދެ ވެކްސިނަކީ އަމިއްލަ ގޮތުން ބޭނުންވާ މީހުންނަށް ފައިސާ ދައްކައިގެން ގަނެގެން ދޭން ޖެހުނު ވެކްސިންތަކެއް ކަމަށެވެ. ނަމަވެސް، ޤައުމީ ޝެޑިއުލްގެ ތެރޭގައި ހިމެނުމުން އެހެން ވެކްސިންތަކެކޭ އެއްގޮތަށް، އެއްވެސް އަގަކާ ނުލާ ވެކްސިން ސެންޓަރުތަކުން މި ވެކްސިންތައް ލިބެން ހުންނާނެއެވެ. "ޤައުމީ ޝެޑިއުލްގެ ތެރޭގައި ހިމެނުމުން އެހެން ވެކްސިންތަކެކޭ އެއްގޮތަށް ދެމުން ގެންދާނެ. އަދި އެއްވެސް އަގަކާ ނުލާ ވެކްސިން ސެންޓަރުތަކުން މިވެކްސިން ލިބެން ހުންނާނެ." ނާޝިޔާ ވިދާޅުވިއެވެ.
ނިއުމޯ ކޮކަލް ވެކްސިނަކީ ނިއުމޯނިޔާ އަދި މެނިންޖައިޓިސް ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ޖަހާ ވެކްސިނެކެވެ. އަދި ރޮޓާ ވައިރަސް ވެކްސިނަކީ ބޭރަށް ހިންގުމާއި ގިނައިން ހޮނޑުލުން ފަދަ ކަންކަމުން ދުރުކޮށްދިނުމަށް ދޭ ވެކްސިނެކެވެ.