ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކޮށްފައިވާ ބިދޭސީން، އެ ހުއްދައިގެ ޝަރުތުތަކާ ހިލާފުވެއްޖެނަމަ، އެފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ވަނީ އިއުލާނުކޮށްފައެވެ. މި އިންޒާރު ދީފައިމިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން އޮޕަރޭޝަންތައް ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ.
މިކަމާގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ، ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކޮށްފައިވާ ބިދޭސީއަކު، ރާއްޖޭގެ ޤާނޫނާއި ގަވާއިދާ ޚިލާފު ކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ކުށެއް ކަމަށެވެ. އަދި އެފަދަ ފަރާތްތައް ރާއްޖޭގައި ތިބެންވާނީ އެފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ތެރޭގައި، އަދި އެ ހުއްދައިގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެގޮތުން، ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ބޭރުން މަސައްކަތްކުރުމަށް ނުވަތަ އެ ހުއްދައިގައިވާ ޝަރުތުތަކާ ޚިލާފުވާ ބިދޭސީންނާ މެދު ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ. މިއީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނު ތަންފީޒުކުރުމަށް އިމިގްރޭޝަނުން ދެމުންގެންދާ ސަމާލުކަމުގެ ބައެކެވެ.
އިމިގްރޭޝަނުން ދަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ. މި އޮޕަރޭޝަންތަކުގެ މަޤްޞަދަކީ، ހުއްދަ ނެތި ނުވަތަ ހުއްދައިގެ ޝަރުތުތަކާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފާހަގަކޮށް، އެފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމެވެ. އިމިގްރޭޝަނުން އިލްތިމާސްކުރަނީ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީން ވެސް ޤާނޫނާއި ޤަވާޢިދަށް ބޯލެނބުމަށެވެ.