ހިތަށްއެރިހާ ކަމެއްކުރަން ބިރުނުގަންނަ މީހުންނަށް!: ދުނިޔެއާ ކައްވަޅުގަވެސް ގަދަފަދަ ޢަޛާބް ދެއްވަވާނެކަމާ ޤިޔާމަތްދުވަހުގެ ޢަޛާބު މާގަދަފަދަވާނެކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ހިތަށްއެރިހާ ކަމެއްކުރަން ބިރުނުގަންނަ މީހުންނަށް!: ދުނިޔެއާ ކައްވަޅުގަވެސް ގަދަފަދަ ޢަޛާބް ދެއްވަވާނެކަމާ ޤިޔާމަތްދުވަހުގެ ޢަޛާބު މާގަދަފަދަވާނެކަން ޤުރްއާނުން-

ކައްވަޅުގައި ހޭދަކުރަން ޖެހޭ މުއްދަތަށް މިކިޔަނީ ބަރުޒަޚުގެ ޢާލަމެވެ. ބަރުޒަޚުގެ ޢާލަމުގައި އެމީހަކާއި ބައްދަލުކުރާނީ އެމީހަކު ދުނިޔޭގައި އުޅުނު ގޮތުން ބަރުޒަޚުގައި ލިބެންހުރި ނިޢްމަތެވެ. ނުވަތަ ޢަޛާބެވެ. ބަރުޒަޚުގެ ޢާލަމާއި ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަވާފައިވަނީ މިފަދައިންނެވެ.

"(އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި ޞާލިޙް ޢަމަލު ކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ފަހަތުގައިވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާނދެނެވެ." (އަލްމުއްމިނޫން: 100)

"(އަދި ތިއަބައިމީހުންގެ ވަށައިގެންވާ އަޢްރާބީންގެ ތެރެއިން މުނާފިޤުންގެ ބައަކުވެސްވެއެވެ. އަދި މުނާފިޤްކަމުގެ މައްޗަށް ހޭނިފައިތިބި ބައަކު މަދީނާ ގެ އަހުލުވެރިންގެ ތެރެއިންވެއެވެ. ކަލޭގެފާނަކަށް އެއުރެން އެނގިވަޑައެއް ނުގަނެތެވެ. ތިމަންރަސްކަލާނގެ އެއުރެން ދެނެވޮޑިގެންވަމެވެ. ތިމަންރަސްކަލާނގެ އެއުރެންނަށް ދެފަހަރު ޢަޛާބު ދެއްވަވާހުށީމެވެ. ދެން ބޮޑުވެގެންވާ ޢަޛާބެއްގެ ތެރެއަށް އެއުރެން ރައްދުކުރައްވާ ހުށްޓެވެ." (ތައުބާ: 101)

މިއާޔަތުގައި ބަޔާން ކުރައްވަވާފައިވާ "ދެފަހަރު ޢަޛާބު ދެއްވަވާހުށީމެވެ." އޮތް ބަސްފުޅުގެ މާނައަކީ ދުނިޔެއާއި ބަރުޒަޚުގެ ޢާލަމުގައި އެމީހުންނަށް ޢަޛާބު ދެއްވަވާނެ ކަމެވެ. "ދެން ބޮޑުވެގެންވާ ޢަޛާބެއްގެ ތެރެއަށް އެއުރެން ރައްދުކުރައްވާ ހުށްޓެވެ." އޮތް ބަސްފުޅުގެ މާނައަކީ އެ ދެ ޢަޛާބަށްފަހު ޤިޔާމަތް ދުވަހު އެމީހުންނަށް ގަދަފަދަ ވެގެންވާ ނަރަކައިގެ ޢަޛާބު ދެއްވަވާނެ ކަމެވެ.

" ހަމަކަށަވަރުން، އަނިޔާވެރިވީ މީހުންނަށް (ދުނިޔޭގެ) ޢަޛާބުގެ އިތުރަށް ޢަޛާބު ހުށްޓެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ." (އަލްޠޫރު: 47)

މިއާޔަތުގައިވެސް ބަޔާން ކުރައްވާފައި އެވަނީ ދުނިޔޭގައި ދެއްވަވާ ޢަޛާބްގެ އިތުރުން ކައްވަޅުގެ ޢަޛާބުގެ ވާހަކައެވެ.

ކައްވަޅުގައި މިފަދައިން ޢަޛާބު ދެއްވަވާނެކަން މިހައި ސާފުކޮށް އެނގެން އޮތުމާއިއެކުވެސް ކައްވަޅުގެ ޢަޛާބަށް ބިރުވެތިވަނީ މަދުމީހެކެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަނީވެސް މަދުމީހެކެވެ. ކައްވަޅުގެ ޢަޛާބާއި ނަރަކައިގެ ޢަޛާބަށް ބިރުވެތިވަނީވެސް މަދު މީހެކެވެ. ވީމާ މިކަންކަމަށް ހޭލުންތެރިވެ ބިރުވެތިވުމަށް ގަދައަޅައި ވަޞިއްޔަތް ކުރަމެވެ.

ޤިޔާތް ވުމުގެ ތާޅަފިލި ފުންމަވައި ލައްވަވާނީ ކޮން ދުވަހެއްގައިކަން ނުއެނގުނު ނަމަވެސް އެމީހަކު މަރުވުމުން އެމީހަކަށް އެއޮތީ ޤިޔާމަތް ފެށިފައެވެ. ނަމަވެސް ކައްވަޅުގައި އޮންނައިރު ޤިޔާމަތް ދުވަހުގެ އެއްވެސް ކަމެއް ނުފެންނާނެއެވެ. ﷲ ތައާލާ އެމީހަކަށް ކަޝްފް ކުރައްވަވައި ދެއްކެވި މިންވަރެއް ފިޔަވައެވެ.

--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

މިއަދު އޮންލައިން