ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޤުރްއާނަކީ ހަމައެކަނި ކިޔަވައިލާ އެއްޗަކަށް ހަދައިގެން ނުފުދޭނެއެވެ. އާޚިރަތް ޙާޞިލްކުރެވެން އޮތީ ވިސްނައި ޢަމަލުކޮށްގެންނެވެ. އެކަންކަމަށް ސަމާލުކަންދީގެންނެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ކީރިތި ޤުރްއާން ކިޔެވިނަމަވެސް، މާނަކީނަމަވެސް ނަގައިނުގަނެވޭ ބައެއް އާޔަތްތައް އެބަހުރެއެވެ. އެފަދަ މީހުން އެއާޔަތްތަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
"އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ، ކޮންފަދައަކުންކަން ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ ބާރުގަދަ، އަދި ބިމުގައި އެއުރެންގެ އަސަރުތައް ވަރުގަދަ ބައަކު ކަމުގައި އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވޫއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން، ﷲ އެއުރެން ހަލާކުކުރެއްވިއެވެ. އަދި ﷲ ގެ ޢަޛާބުން ރައްކާތެރިކޮށްދޭނޭ އެކަކުވެސް، އެއުރެންނަކަށް ނުވެއެވެ." (ޣާފިރް: 21)
"އެއީ އެއުރެންގެ ގާތަށް، އެއުރެންގެ ރަސޫލުން ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގަތުމުން، އެއުރެން އެބޭކަލުންނަށް ކާފިރުވީތީއެވެ. ދެން ﷲ އެއުރެން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގަދަފަދަވަންތަ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ." (ޣާފިރް: 22)
މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު (ﷺ) އަށްފަހު އިތުރު ރަސޫލު ބޭކަލަކު ފޮނުއްވެވުމެއް ނެތެވެ. ވީމާ އަހަރެމެންނަށް އޮތީ އިތުރު އެކަލޭފާނުގެ ރަސޫލްކަން ޤަބޫލުކުރުމެވެ. ސުންނަތަށް ތަބަޢަވުމެވެ. ނޫން ނަމަ ދުނިޔެ އާއި އާޚިރަތުގައިވެސް އެމީހަކަށް ކުރިމަތިލާން ޖެހޭނެ ގަދަފަދަ ޢަޛާބަށް ބިރުވެތިވުމެވެ.
ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވާށެވެ! އަމިއްލައަށް ޢިލްމުވެރިވާށެވެ! ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނިގެން ނޫނީ އާޚިރަތް ހާޞިލެއް ނުކުރެވޭނެއެވެ.
އަހަރެމެންގެ ކުރީގެ އުންމަތްތަކަސް ކޯފާ ލައްވަވައި ހަލާކުކުރެއްވެވި ސަބަބު ހަމަ މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބައޮތެވެ! އޮތީ ބިރުވެތިވެ ތައުބާވުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން