ރިޒުޤަށް އެދި ދުޢާކުރުމުގަ ޢަމަލުކުރަން އޮތްގޮތުގެ ތަރުތީބު- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ރިޒުޤަށް އެދި ދުޢާކުރުމުގަ ޢަމަލުކުރަން އޮތްގޮތުގެ ތަރުތީބު- ޤުރްއާނުން

ކޮންމެ ކަމަކަށް ބޭނުންވިޔަސް އޮތީ ދުޢާކުރުމެވެ. ދުޢާކުރުމުގައިވެސް ޢަމަލުކުރަންޖެހޭ ގޮތުގެ ތަރުތީބެއް އެބައޮތެވެ. އެކަން ޤުރްއާނުގައިވަނީ އަންގަވައިފައެވެ. ވީމާ އަޑުއަހާށެވެ!

ހުރިހާ ކަންކަމުގައިވެސް ތަރުތީބު އޮޅުވާލަމުން ގޮސް އަތްމަތި ދަތިވުމުން ނުވަތަ ރިޒުޤް ލިބުން ޢަމަލުކުރަން އޮތް ގޮތުގެ ތަރުތީބުވެސް މިއަދު މިވަނީ އޮޅުވާލެވިފައެވެ. ވީމާ އެކަންކަމަށް ވިސްނާލަމާ ހިނގާށެވެ!

މީސްތަކުންނަށް އެމީހުންގެ ދުވަހު ތާވަލުން އަމިއްލަކަންކަން ބަދަލުކުރެވިދާނެއެވެ. އެންމެ މުހިންމުވާނީ ޑޮކްޓަރަށް ދެއްކުން ނޫންހެއްޔެވެ؟ އެ އެޕޮއިންޓްމަންޓްގެ ވަޤުތުވެސް ބަދަލުކުރެވިދާނެއެވެ. އެބަދަލު ގެނައުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ.

ނަމަވެސް ބަދަލުނުކުރެވޭނެ އެޕޮއިންޓްމަންޓެއް ވެއެވެ. އެއީ ފަރުޟު 5 ނަމާދަށް ގޮވާލެވުމުންނެވެ. އެއީ ޢިޖާބަނުދީ ލަސްކުރެވޭނެ ކަމެއް ނޫނެވެ. ނަމާދުތައް ނުކޮށް ބަހައްޓާފައި ތިމާ ރާވާގޮތަށް ހުރިހާ ނަމާދު އެކުގައި ކުރާ އުޞޫލެއް ދީނަކު ނެތެވެ. ދީނުގައި އޮތީ ނަމާދު ޤާއިމުކުރުމެވެ. ނަމާދު ޤާއިމުކުރުމަކީ ފަރުޟް 5 ނަމާދު އެނަމާދެއްގެ ވަޤުތުގައި ކުރުމެވެ.

ނަމާދު ޤާއިމުކުރާ މީހުންނަށް ރިޒްޤް ތަނަވަސްކުރައްވަވައި ދެއްވަވާނެތެވެ. އަދި ރިޒުޤަށް އެދި ދުޢާކުރަންވެސް އޮތީ ނަމާދު ޤާއިމުކުރުމަށްފަހުގައެވެ. އެދުވަހަކު ކުރަންޖެހޭ ނަމާދުތައް ކުރުމާއިއެކުގައެވެ.

މިކަން ޔަޤީންކުރަން ބޭނުންނަމަ ކީރިތި ޤުރްޢާނުގައި ބަޔާންވެގެންވާ، އިބްރާހީމގެފާނު ކުރެއްވެވި މިދުޢާބަލާށެވެ!

"އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީ އެއްގައި، ޙުރުމަތްތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު ޤާއިމްކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް ރިޒްޤް ދެއްވާނދޭވެ! (އެއީ) އެއުރެން ޝުކުރުވެރި ވުމަށްޓަކައެވެ." (އިބްރާހީމް: 37)

މިއީ ރުކެއް ގަހެއް، ފެނެއް އެއްޗެއް ނެތް މައްކާއަށް އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުން ދޫކުރައްވަވާފައި ވަޑައިގަންނަވަމުން ކުރެއްވެވި ދުޢާއެވެ. ދުޢާގައި ފުރަތަމަ އެވަނީ ނަމާދު ޤާއިމުކުރުމުގެ ވާހަކައެވެ. ރިޒްޤްގެ ވާހަކައެވަނީ އެއިގެ ފަހަތުންނެވެ.

ދެން ބަލައިލަންވީ ﷲ ތަޢާލާ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އަށް ވަޙީކުރެވެވި ބަސްފުޅަށެވެ.

"އަދި ކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދުކުރުމަށް އަމުރުކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒްޤް ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒްޤް ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، ތަޤްވާވެރިންނަށެވެ."

ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ ފުރަތަމކަމަކަށްވެސް ނަމާދު ޤާއިމްކުރުމަށެވެ. ރިޒްޤް ދެއްވަވަނީ އަދި އަދި ދެއްވަވާނީވެސް ތިމަން ﷲ ކަމަށެވެ. ވީމާ ނަމާދު ޤާއިމުކުރުމާއި ރިޒްޤް ލިބުމާއި މިވަނީ ގުޅިލާމެހިފައެވެ.

ވިސްނައިލާށެވެ! ތިބާގެ ފުރަތަމަ ކާނާއަކީ ކޮބައިހެއްޔެވެ؟ މައިމީހާގެ ގާތުން ބުއިކިރެވެ. ކިރު އުފެދުނީ ކިހިނަކުންހެއްޔެވެ؟ މައިމީހާގެ ކިބައިގައި ތިބާއަށް ކިރު ލެއްވެވީ މައިމިހާ ކޮންކަމެއް ކޮށްގެންހެއްޔެވެ؟ މިކަމުންވެސް އެނގިގެން މިދަނީ ﷲ ތަޢާލާ ކޮންމެ ގޮތެއް މެދުވެރިކުރައްވަވައިގެން ނަމަވެސް ރިޒްޤް ދެއްވަވާނެކަމެވެ.

ވީމާ އެންމެ ނަމާދެއްވެސް ނާޅާށެވެ! ނަމާދު ޤާއިމުކުރާށެވެ! އެއިރުން ތިބާއަށް ﷲ ތަޢާލާ ރިޒްޤް ދެއްވަވާނެތެވެ. ނަމވެސް ހިތާމައަކީ މި ތަރުތީބު، ﷲ ތަޢާލާ ވަޙީކުރެއްވެވި ތަރުތީބު އޮޅުވައިލެވޭކަމެވެ. ރިޒުޤްގެ ދަހިވެތިކަމުގައި ނަމާދު ޤާއިމުނުކުރެވޭކަމެވެ. ރިޒްޤް ތަނަވަސްވުމަށް އެދޭނަމަ އަވަހަށް ﷲ ތަޢާލާގެ ވަޙީބަސްފުޅަށް ޢަމަލުކުރާށެވެ!

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސް

މިއަދު އޮންލައިން