ޢިބްރަތްތެރި ވާހަކަ: ލޯބިވާ އެކަކުވެސް ދުނިޔޭގަ ނެތްކަމަށް ބަލައި އަމިއްލައަށް މަރުވާންދިއަ ޒުވާނަކަށް އެކަމުން ސަލާމަތްވެވި އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވާ އެކަކުވެސް ދުނިޔޭގަ ނެތްކަމަށް ބަލައި އަމިއްލައަށް މަރުވާންދިއަ ޒުވާނަކަށް އެކަމުން ސަލާމަތްވެވި އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

ގޮތް ހުސްވަނީ ބުއްދީގެ ބޭނުން ނުކުރެވޭތީކަމަށް ބުނެފިނަމަ ގިނަބައަކު އަންނާނީ ރުޅިއެވެ. ނަމަވެސް ޙަޤީޤަތަކީ ހަމައެއީއެވެ. ހާސްވެ ކަންބޮޑުވީމާ މައްސަލަތަކާ ކަންބޮޑުވުންތަކުން ސިކުނޑި ފުރައިލެވެނީއެވެ. ރަނގަޅު ވިސްނުމަށް ޖާގަ ނުލިބެނީއެވެ. ކިތަންމެ ހަނިދޭތެރެއަކުން ނަމަވެސް ރަނގަޅު ވިސްނުމަށް ސިކުނޑިން ފުރުޞަތުދެވިއްޖެނަމަ ޛާލަތު ބަދަލުވެގެންދާކަން ތިޜީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އަހުރެންގެ ވަޒީފާ ގެއްލުމުން ޢާއިލާއިން އަހުރެން ދޫކޮށްލިއެވެ. ދެރަކޮށް ނިކަމެތިކޮށްލިއެވެ. އަހުރެންނަށް ކުރިމަތިވި ކަންކަމުގައި ޢާއިލާގެ އެއްބާރުލުން ނުލިބުމުން ލިބެމުން އައި ހިތްދަތިކަން ބޮޑުވަމުންގޮސް ސިކުނޑި ފުރިބާރުވިއެވެ.  

މިދުނިޔޭގައި އަހުރެން ދެކެ ލޯބިވާ އަހުރެންނަށް އަޅައިލާނެ އެއްވެސް މީހަކު ނެތްކަން ޔަޤީން ކުރެވުނެވެ. ދުނިޔޭގައި ހުރުމުގެ ބޭނުމެއް ނެތްކަމަށް ވިސްނެން ފެށިއެވެ. އެޙާލަތުގައި އަހުރެންގެ ނަފަސްގެ ކޮންޓްރޯލް އަހުރެންގެ އަތުން ގެއްލުނެވެ.  

އެޙާލަތުގައި އަހުރެންނަށް ނިންމުނީ މީހަކަށް ނިންމޭނެ އެންމެ ނުބައި ނިންމުމެވެ. އެއީ އަމިއްލައަށް މަރުވުމެވެ. އެހެންވެ ގެއާއި ޢާއިލާއަށް އަލްވިދާޢު ކިޔައި ގެއިންނުކުތީމެވެ. އެއީ ގެއާއި ދާދިގާތުގައި އޮންނަ ބާރަށް އޮއިދެމޭ ކޯރަކަށް ފުންމާލައިގެން މަރުވުމުގެ ބޭނުމުގައެވެ.  

ތަންކޮޅަކަށް ހިނގުމަށްފަހު މަގުހުރަސްކުރަން އުޅެނިކޮށް ބައްދަލުވިމީހަކު އަހުރެންނަށް "އައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ" ކިޔައި އިސްލާމް ދީނުގެ ރިވެތިސަލާމުން ސަލާމްކުރިއެވެ.  

އެވަގުތު ވިސްނައިލެވުނެވެ. "އެއީ އަހުރެން ދަންނަ މީހެއްވެސް ނޫނެވެ. އެކަމަކު އޭނާ އެދުޢާކުރީ އަހުރެންނަށް ސަލާމަތްކަމާއި ރައްކައިތެރިކަން ދެއްވަވައި ﷲ ތަޅާގެ ރަޙްމަތް އަހުރެންނަށް ލެއްވެވުމަށެވެ. ވީމާ ޢާއިލާގެ މީހުން އަހުރެންނަށް ސަމާލުކަން ނުދިންނަމަވެސް އަހުރެންނަށް ސަމާލުކަން ދޭނެ ކޮންމެވެސް ބައަކު ދުނިޔޭގައި ތިބޭނެއެވެ. އެމީހުންނާއި މިހައިތަނަށް ބައްދަލުނުވިޔަސް އަދި ބައްދަލުވެސްވާނެއެވެ. އިން ޝާ ﷲ"  

އެވިސްނުން އައުމާއިއެކު ވަޤުތުން މިސްރާބު ގެއާއި ދިމާއަށް ބަދަލުކުރީމެވެ. ގެއާއި ހަމައަށް ދެވުނުއިރު ވަނީ ވަރަށް ވަރުގަދަ ހިތްވަރެއް ލިބިފައެވެ. ފެންވަރައި ރީތި ފޭރާންލައި ގައިން މީރުވަސްދުއްވަމުން ދިއައީ މިސްކިތަށެވެ.  

އެއިރު މެންދުރުވަޤުތުޖެހެން އިރުކޮޅެއް ހުއްޓެވެ. އެހެންވެ އިމާމްގެ ކޮޓަރިއަށްވަދެ ކަންތައް މެދުވެރިވި ގޮތް ކިޔައިދީ ތައުބާވާނެ ގޮތަކާއިމެދު ސުވާލުކުރުމުން އަހުރެންނަށް ވަރަށް ހިތްވަރުދިނެވެ. ބުނީ ފުރަތަމަކަށްވެސް ﷲ ތަޢާލާ ދެއްވެވި ބޮޑު ނިޢުމަތަށް ޝުކުރުވެރިވެ ދެރަކްޢަތް ނަމާދެއް ކުރުމަށެވެ. އަދި އެއަށްފަހު ޞުޙާނަމާދުގެ 4 ރަކްޢަތް ކުރުމަށްފަހު މެންދުރު ނަމާދު ނިމިގެން އިމާމް އާއި ބައްދަލުކުރުމަށެވެ.  

އިމާމް ދެއްވި ނަޞޭޙަތުގައި ހިފީމެވެ. ގޭގައި ޢާއިލާއާއިއެކު ވަޤުތު ހޭދަކުރުމުގެ ބަދަލުގައި މިސްކިތުގައި ގިނަވަޤުތު ހޭދަކުރަންފެށީމެވެ. ނަތީޖާއަކަށްވީ ކުރިން ދިމާވި ޙާލަތު ދިމާވަން މެދުވެރިވި އެންމެ ބޮޑު މައްސަލަ ޙައްލުވެގެންދިއުމެވެ. އެއީ ރަނގަޅު ވަޒީފާއެއް ލިބުމެވެ. ރަނގަޅު މުސާރައެއްވެސް ލިބެން ފެށުމެވެ.  

މިއަދު އަހުރެންނަކީ ރަނގަޅު މުސާރައެއް ލިބޭ މީހެކެވެ. އަންތބަކާއި 2 ދަރިންވެސް އެބަތިއްބެވެ. ދިރިއުޅެނީ އަނބިމީހާގެ ފްލެޓެއްގައެވެ. ވަރަށް އުފަލުގައެވެ. ވަރަށް ލޯބިންނެވެ.  

އަހުރެންނަށް ހެދެން އުޅުނު އެބޮޑު ގޯހުން، ކުރެވެން އުޅުނު ބޮޑުފާފައިން ސަލާމަތްވެވުނު ގޮތުގެ ވާހަކަ މިކިޔައިދިނީ އެކަކު އަނެކަކާއި ބައްދަލުވުމުން ދީނުގައިވާ މަގުން ސަލާމް ގޮވުމުގެ ފައިދާ އަހުރެންނަށް ތަޖުރިބާކުރެވުނު ގޮތް ކިޔައިދިނުމަށެވެ. ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. އަދި ބައްދަލުވާ ހުރިހާ މުސްލިމުންނަށްވެސް ދީނުގައިވާ މަގުން ސަލާމްކުރަން ހިތްވަރުދީ ވަޞިއްޔަތް ކުރަމެވެ.

 

- އިސްމާޢީލް / ކަރާޗީ، ޕާކިސްތާން

މިއަދު އޮންލައިން