ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިމި ދެވަނަ ސެގްމެންޓުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިމި ދެވަނަ ސެގްމެންޓުގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށައިފިއެވެ.

މާލޭގެ ޓްރެފިކް މެނޭޖުކުރުމަށާއި ރައްޔިތުންނަށް މަގުތައް އަމާންތަނަކަށް ހެދުމުގެ ގޮތުން ސަރުކާރުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރުގައި ތަރައްގީކުރުމަށް މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާއިރު، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ.

އެ ސަރަހައްދު ނިމުމާއިއެކު ރައްޔިތުންނަށް ކުރިމަތިވެގެންދާ ތަކުލީފުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުންވަނީ އެ ސަރަހައްދު އާންމުގެ ބޭނުމަށް ހުޅުވާލާފައެވެ.

މި އަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ބެލުމުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ދެމެދު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ޖުމުލަ އަގަކީ 144.6 މިލިއަން ރުފިޔާއެވެ.

455 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ މި މަޝްރޫޢުގެ ދަށުން މަގުގެ އުތުރު ފަރާތުން ފުޅާކޮށް 4 ލޭނު ބިނާކުރާނެއެވެ. އަދި ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓު ސަރަހައްދާއި ޖެހެންދެން 830 މީޓަރުގެ ދިގުމިން ހުންނަ ސަރަހައްދެއްގައި ތާރު އަޅާނެއެވެ.

މި މަޝްރޫޢުގެ ދަށުން ދުވާރު ހެދުމާއި ރޯޑް މާކިންގ ކުރެހުމުގެ އިތުރުން ސައިންބޯޑުތައް ހަރުކުރުންވެސް ހިމެނެއެވެ. މި މަޝްޜޫއުގެ ދަށުން ބިނާކުރާ މަގު ހުންނާނީ ޒަމާނާއި އެއްފަދައިން ފެން ހިންދާ ނިޒާމަކާއިވެސް އެކުއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން