މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން ފަރުވާ ދެމުން ދިޔަ އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އަހުމަދު އަޒްމީލް ނިޔާވެއްޖެއެވެ. އުމުރުން 43 އަހަރުގެ އަޒްމީލް ނިޔާވީ ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.
ސްޓެލްކޯގައި ސުޕަވައިޒަރެއްގެ މަގާމުގައި މަސައްކަތް ކުރަމުން އައި އަޒްމީލް ނިޔާވީ، ހާދިސާ ހިނގިތާ ދެތިން ހަފްތާ ފަހުން، އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. ހުޅުމާލޭގެ ބައު އިންޖީނުގޭގައި ހިނގި މި ހާދިސާގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
އަލިފާނުގެ ހާދިސާ ހިނގުމަށްފަހު ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. ނަމަވެސް އަނިޔާގެ ބޮޑުކަމުން އިތުރު ފަރުވާއަށްޓަކައި މިމަހުގެ 1 ވަނަ ދުވަހު އޭނާ ވަނީ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ. އޭނާ ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އަހުމަދު އަޒްމީލް އަކީ ސްޓެލްކޯއަށް 21 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާސްތެރިކަމާއެކު ޚިދުމަތްކޮށްފައިވާ މުވައްޒަފެކެވެ. އޭނާގެ ނިޔާވުމަކީ ސްޓެލްކޯގެ މުވައްޒަފުންނާއި އާއިލާއަށް ލިބުނު ބޮޑު ހިތާމައެކެވެ.