ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައި، މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކުރުމަށްފަހު ވަގުތުން ބަންދުކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އިއްޔެ ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގެ ތެރެއިން މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކުރެވުނު ކަމަށެވެ. މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ.

އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، ބަލައި ފާސްކުރެވުނު ތަންތަނުން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އަޅުއްވާފައިވާ ކަމަށެވެ.

ސަރުކާރުން ދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެ މީހުން އަނބުރާ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ހަރުދަނާކުރަމުންނެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް އިމިގްރޭޝަނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން