މަސްވެރިންގެ އިޙްތިޖާޖާ ގުޅިގެން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އިޙްތިޖާޖުގައި ބައިވެރިވި 3 ދޯނިވެސް ވަނީ ހިފަހައްޓާފައެވެ. މިކަން ހާމަކޮށްފައިވަނީ އިޙްތިޖާޖާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައެވެ. މި އިޙްތިޖާޖު ކުރިއަށް ދިޔައީ މާލެއާއި ދޫނިދޫއާ ދެމެދުގެ ކަނޑުގެ ސަރަހައްދުގައެވެ.
ފުލުހުން ބުނިގޮތުގައި 2025 ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން ކުރިއަށްދިޔަ މި އިޙްތިޖާޖުގެ ބައިވެރިންނަށް ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ. އެގޮތުން، އިޙްތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށާއި، އެސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު ސަރަހައްދުކަމުން އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް އަންގާފައިވެއެވެ.
ނަމަވެސް، ފުލުހުންގެ އަންގާފައިވާ އެންގުންތަކަށް އިޖާބަ ނުދީ، އިޙްތިޖާޖު ކުރިއަށް ދިޔަ ދޯނިތަކުން ވަނީ މާލޭ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށްފައެވެ. މީގެ އިތުރުން، މާލޭގެ އުތުރު ފަރާތު ފަޅަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސް އެޅުމުގެ އިތުރުން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަންނަންވެސް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެއެވެ.
އިޙްތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާތީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ބައެއް ދޯނިތަކަށް އެރިއެވެ. މިވަގުތު މަސްވެރި ޔޫނިއަނުން ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ދެކޮޅު ހަދާފައެވެ.
މިކަމާ ގުޅިގެން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި އިޙްތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން 3 ދޯންޏެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.