ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ ފެސިލިޓީގެ މަަސައްކަތް ޖަނަވަރީ މަހު ފަށައި 6 މަސް ދުވަހުގެ ތެރޭގައި ނިންމަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ ފެސިލިޓީގެ މަަސައްކަތް ޖަނަވަރީ މަހު ފަށައި 6 މަސް ދުވަހުގެ ތެރޭގައި ނިންމަނީ

ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ ފެސިލިޓީގެ މަސައްކަތް އަންނަ ޖަނަވަރީ މަހު ފަށައި، ހަ މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ދެއްވައިފިއެވެ. މިކަމުގެ ސަބަބުން ބޮޑު ކަންނެލީގެ މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ބޮޑު ކަންނެލީގެ މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިވުމަކީ މުހިންމު ކަމެއް ކަމަށެވެ. މިދިޔަ އަހަރު ރައީސް ވަނީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަންނެލި މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގުތައް އެސްޓީއޯގެ ސްކިޑްތަކުން ހަމަޖައްސަވައިދެއްވާފައެވެ. އެ ލުޔާއެކު ބޮޑު ކަންނެލީގެ މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދިޔަކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މި ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށްޓަކައި ހުރިހާ ކަމެއް ޕްލޭންކޮށް ނިމިފައިވާ ކަމަށެވެ. "އަޅުގަނޑުމެންނަށް އޮތް ޔަޤީންކަމަކީ އިރާދަކުރެއްވިއްޔާ މި ފެށޭ ޖަނަވަރީ މަހު އެތަނުގެ މަސައްކަތް ފަށައި އަޅުގަނޑުމެން ހުރިހައި ކަމެއް ޕްލޭންކޮށްފައި މިވަނީ. 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އެއްކަލަ ކަންނެލި މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވައުދުފުޅު އޭގެތެރެއިން ފުއްދުމަށްޓަކައި،" ވަޒީރު ވިދާޅުވިއެވެ.

މި ފެސިލިޓީއަކީ 25،000 އަކަފޫޓްގެ ބިމެއްގައި އަޅާ ފެސިލިޓީއެކެވެ. ވަޒީރު ވިދާޅުވީ މިފަދަ ބޮޑު މަސައްކަތެއް ކުރުމަކީ ކުޑަކަމެއް ނޫން ކަމަށާއި، ރައީސް މި ހައްލު ހޯއްދަވައިދެއްވުމުން ކަންނެލި މަސްވެރިންނަށް ވެވަޑައިގެންފައި ހުރި ވައުދުތައް ފުއްދިގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ. މި މަސައްކަތް ނިމުމުން ކަންނެލި މަސްވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، މަސް ޕްރޮސެސްކުރުމުގެ ކަންކަން ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން