ޢިބްރަތްތެރި ވާހަކަ: މަސްތުވާތަކެތި ބޭނުންކުރުމުގަ ހައްދުފަހަނައަޅައިދިއަ ޒުވާނަކު އަމިއްލަ ހިތްވަރުން އިޞްލާޙްވެ މާހަރުދަނާ މީހަކަށްވީގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ޢިބްރަތްތެރި ވާހަކަ: މަސްތުވާތަކެތި ބޭނުންކުރުމުގަ ހައްދުފަހަނައަޅައިދިއަ ޒުވާނަކު އަމިއްލަ ހިތްވަރުން އިޞްލާޙްވެ މާހަރުދަނާ މީހަކަށްވީގޮތުގެ ވާހަކަ-

ކައިވެނިކުރިއިރު އަޅުގަނޑުގެ ފިރިމީހާއަކީ ވަޒީފާއަދާކޮށް ހަރުދަނާ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. ނަމަވެސް އަހަރެއްހައި ދުވަސްފަހުން ކަންކަން ބަދަލުވާން ފަށައިފިއެވެ. އޮފީހަށް ނުގޮސް ނިދާފައި އޮންނަން ފަށައިފިއެވެ. ހޭލައްވަން މަސައްކަތްކުރިނަމަވެސް އަންނަނީ ރުޅިއެވެ. ލާފޭރާމުންނާއި ހަށިގަނޑުން ނުބައި ވަހެއްވެސް ދުވައެވެ. 

ކުރިން އެފަދަ އެއްވެސް ކަމެއް އެނގިފައިވެސް ނެތުމުން ހީކުރީ ބައްޔެއްގައި އުޅެނީކަމަށެވެ. އެހެންވެ ޑޮކްޓަރަށް ދައްކަން ގެންދަން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް އެކަމަށް އެއްބަސްނުވުމުން ކުރެވޭނެ ކަމެއް ނެތިފައި ހުރީއެވެ. 

ޙަޤީޤަތް އެނގުނީ މައިދައިތައާއި ފިރިމީހާގެ މެދުގައި ދެކެވުނު ވާހަކައެއްގެ އަޑުއިވުމުންނެވެ. މަންމަ ނަޞީޙަތްދެމުން ދިއައީ އެކުވެރިންނާއިގުޅުން ކަނޑާލައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓައިލުމަށެވެ. 

އެހިސާބުން ފިރިމީހާއަށް މިއަންނަ ބޮޑުބަދަލުގެ ސިއްރު އެނގުނެވެ. އެންމެ ދެރަވީ ފިރިމީހާއާއި ވަކިވިނަމަވެސް އަޅައިލާނެ މީހަކު ނެތުމުންނެވެ. އެކަނިހުރި ނިކަމެތި އަންހެނަކަށްވާތީއެވެ. އެހެންވެ ކެތްތެރިވެ ދުޢާކުރުން ގިނަކުރީމެވެ. 

އެއް ދުވަހަކު ނުދަންނަ ނަންބަރަކުން ގުޅި ކޯލެއް ނެގުމުން ބުނީ ނުބައިކޮށް ގުޅުނީކަމަށެވެ. އެކަމަކު ނުބާއްވައި އޭނާ ވާހަކަދެއްކުމުން ވާހަކަދެއްކީމެވެ. އެކޯލަށްފަހު އޭނާގެ ކޯލްތައް ލިބެން ފެށިއެވެ. ބައްދަލުކުރާކަށް ނުއެދެއެވެ. ލޯބީގެ ވާހަކަތަކެއްވެސް ނުދައްކައެވެ. ދެނީ ހެޔޮ ނަޞީޙަތެވެ. 

ދުވަސްކޮޅެއް ވީތަނާ ފިރިމީހާ ނޫން އެންމެން ޢީދު ބަންދަކަށް ރަށަކަށް ދިއައެވެ. ގޭގައި ތިބީ ދެމަފިރިން އެކަންޏެވެ. ދެވަނަ ރޭ ފިރިމީހާ ގެއަށް އައީ އިތުރުމީހަކާއިއެކުގައެވެ. އައިސް ކާންހަދަން ބުނުމުން ކައްކާފައި ހުރި އެއްޗެތި ކާންހެދީމެވެ. ފުރަތަމަ ޝަކުވާކުރީ ތެލުލިމަސް ނެތިގެންނެވެ. މަސް ގޭގައި ނެތްކަމަށް ބުނުމުން ބުނީ ފިހާރައަށް ގޮސް ގަނެގެން ގެނައުމަށެވެ. ގަންނާނެ ފައިސާ ދޭން ބުނުމުން އައީ އިތުރަށް ރުޅިއެވެ. އެކުވެރިޔާގެ ކުރިމަތީގައި އަގުވައްޓައިލަނީކަމަށް ބުނެ ބިރުދައްކަން ފެށިއެވެ. އަދަބެއްގެ ގޮތުން އެކުވެރިޔާގެ ކުރިމަތީގައި ބަރަހަނާވާން ބުނުމުން ދުވަމުންގޮސް ގެއިން ނުކުމެ ހިނގައިގަތީމެވެ. 

ނަޞީބަކުން ފަހަތަކުން ނައުދެއެވެ. ވަރަށް ބިރުންހުރ ތަންކޮޅަކަށް ހިނގިތަނާ ސައިކަލެއްގައި ފަހަތުން އައިސް އަރާހަމަކުރީ ފިރިމީހާއާއިއެކުގައި ހުރި އެކުވެރިޔާއެވެ. ވަރަށް ބިރުގަތެވެ. އެހެންވެ އަނގައިން ނުބުނެ ހިނގައިގަތުމުން ބުންޏެވެ. "އިހަށް މަޑުކޮށްބަލާށެވެ! ތިބާއަށް ހުރީ ރައްކައުތެރިކަމެވެ. އަހުރެންނަކީ ތިބާއާއި ވާހަކަދައްކަމުން މިއަންނަ ނުފެންނަ އެކުވެރިޔާ ޙުސައިނެވެ. އަހުރެން މިކުރި ކަމަކީ ތިބާ ދެއްކި ވާހަކަތަކުގެ ޙަޤީޤަތް ބަލައިލުމެވެ. ޙުސައިނުގެ ސައިކަލް ފަހަތަށް އަރާށެވެ! ތިބާއަށް ރައްކައުތެރިކަން ފޯރުކޮށްދޭނަމެވެ." 

އެހެން ގޮތެއް ނެތުމުން ސައިކަލު ފަހަތަށް އެރުމުން ގެންގޮސް ބޭލީ އޭނާގެ ދައްތައެއްގެ ގެއަކަށެވެ. ދައްތަގެ ގާތުގައި އަހުރެންނަށް ހެޔޮކޮށް ހިތުމަށެވެ. އެހެން ބުނެފައި އޭނާ އަހުރެންގެ ފިރިމީހާއަށް ފޯނުކުރިއެވެ. ބުންޏެވެ. "އެކުވެރިޔާއެވެ! މިރޭ ކަލޭކުރި ހުރިހާކަމެއް ވީޑިއޯކުރީމެވެ. އަނބިމީހާ އިނީ ގެއެއްގައި ސަލާމަތުންނެވެ. އަނބިމީހާ ބޭނުންނަމަ އިޞްލާޙްވާށެވެ! އިޞްލާޙްނުވެ އަނބިމީހާ ހޯދަން އުޅެފިނަމަ ޙަވާލުކުރާނީ ފުލުހުންނާއިއެވެ. ގެވެށިއަނިޔާގެ އެންމެ ބޮޑު އަދަބު ނުދެވެނީސް ހުއްޓައެއް ނުލާނަމެވެ." 

ފިރިމީހާ އިޚްތިޔާރުކުރީ އިޞްލާޙްވެ ރަނގަޅު ދިރިއުޅުމެއް އުޅުމަކަށް ނޫނެވެ. އޭނާ ކުރާ ކަންތަކުގައި ކުރިއަށް ދާށެވެ. އެގޮތަށް ނިންމީމާވެސް މަސްދުވަސް ވަންދެން އިންތިޒާރުކުރީމެވެ. މަސްދުވަސްވުމުން ވަރިވާން ކޯޓަށް ހުށަހެޅީމެވެ. 

ކޯޓަށް ގެންދިއަ ދުވަހު އޭނާ އެދުނީ ވަރިނުވުމަށެވެ. އިޞްލާހްވާން ފުރުޞަތުދިނުމަށެވެ. އެއީ ވަރަށް ރަނގަޅު ޤާޟީއެކެވެ. ޤާޟީ ބުނީ އަނބިމީހާވެސް އެގޮތް ޤަބޫލުކުރާތީ ފުރުޞަތުޑޭނެ ކަމަށެވެ. ނަމަވެސް އަނބިމީހާ ގެއަށް ގެންދެވޭނީ އިޞްލާޙްވުމަށްފަހު އައިސް ޤާޟީޢާއި ބައްދަލުކުރުމުން ކަމަށެވެ. އެކަމަށް ދިނީވެސް ދެމަސްދުވަހުގެ މުއްދަތެކެވެ. 

ފިރިމީހާ އިޞްލާޙްވިއެވެ. އިޞްލާޙްވުމުން އެނބުރި ގެއަށް ދިއައިމެވެ. އެއިގެ ފަހުން މިހާރު 7 އަހަރެވެ. ފިރިމީހާގެ ކިބައިން އެފަދަ އެއްވެސް ކަމެއް ނުފެނެއެވެ. ފެންނަނީ ކުރިއަށްވުރެވެސް ހަރުދަނާ މީހެއްގެ ގޮތުގައެވެ. އަޅުގަނޑަށާއި 4 އަހަރުގެ ދަރިފުޅަށްވެސް ކަންކަންކުރަނީ ވަރަށް ރަނގަޅަށެވެ. 

އަޅުގަނޑަށް ކުރިމަތިވި އަދި ތަޖުރިބާކުރެވުނު މިކަންކަމާއި ގުޅިގެން ބުނެލަން ބޭނުންވަނީ މަސްތުވާތަކެތި ބޭނުންކުރެވުނަސް އިޞްލާހްވާން ބޭނުންވާ މީހުންނަށް އިޞްލާޙްވެވޭނެއެވެ. އެކަމަށް އޮތް ފަރުވާއަކީ ނުވަތަ ތެރަޕީއަކީ އެމީހާގެ ޢަޒުމާއި ހިތްވަރެވެ. އެކަން ހުއްޓާލަން އެމީހާ މަސައްކަތްކުރުމެވެ.

 

- މިއަދުނޫހުގެ ކިޔުްނތެރިއެއް

މިއަދު އޮންލައިން