ޢިބްރަތްތެރި ވާހަކަ: މީހަކަށް ދެވޭނެ އެންމެ ބޮޑު ދެރަ ލޯބިވެރިޔާ ދިނުމުން ހީވެސް ނުކުރެވޭވަރުގެ އުފަލާ ކުރިއެރުން ލިބުނު ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ޢިބްރަތްތެރި ވާހަކަ: މީހަކަށް ދެވޭނެ އެންމެ ބޮޑު ދެރަ ލޯބިވެރިޔާ ދިނުމުން ހީވެސް ނުކުރެވޭވަރުގެ އުފަލާ ކުރިއެރުން ލިބުނު ޒުވާނެއްގެ ވާހަކަ-

ސާނަވީ ސްކޫލުގެ ފަހު އަހަރު ދެމީހުން އުޅުނީ އެއްކްލާހެއްގައެވެ. އުޅެނީ ދެލޯބިވެރިންގެ ގޮތުގައެވެ. ކޮންމެ ދުވަހަކީވެސް ދެމީހުން ދުވަހަކުވެސް ވަޢުދުތައްވީ ދުވަހެކެވެ. އެގޮތަށް އުޅެމުން އައިސް ކޮލެޖަށް ވަންނަން ޖެހުމުން ލޯބިވެރިޔާގެ މައިންބަފައިންނަށް އެކަން ކޮށެއް ނުދެވުނެވެ. އެއީ އެމީހުންގެ އަތުގައި ތަނަވަސްކަން ނެތުމުންނެވެ. އެއިރަކީ މިހާރުހެން ސަރުކާރުން ކޮލެޖުގައި ހިލޭ ކިޔަވައިދޭ ދުވަސްވަރެއް ނޫނެވެ. 

އެހިސާބުން މަސައްކަތްކޮށް އާމްދަނީ ހޯދަން ފެށީމެވެ. ލޯބިވެރިޔާގެ ކިޔެވުމަށް ޚަރަދުކުރީމެވެ. އެއީ އޭނާ މޮޅުކޮށް ރަނގަޅު ވަޒީފާއެއް ހޯދައިދިނުމަށެވެ. ދެމީހުންވެސް ވަޒީފާއަދާކުރާނަމަ ލިބޭ ދަރިންގެ ކަންކަން ބަލަހައްޓަން ފަސޭހަވާނެތީއެވެ. އޭނާގެ ކޮލެޖަށާއި ބޭނުންތަކަށް ޚަރަދުކުރަންޖެހޭވަރުން ހުންނަން ޖެހެނީ އަމިއްލަ ބޭނުންތައްވެސް ނުފުއްދައެވެ. މައިންބަފައިންނަކަށްވެސް އެހީއެއް ނުވެވެއެވެ. 

ކޮންމެއަކަސް ކޮލެޖް ނިމި ރަނގަޅުވަޒީފާއެއް ލިބުމާއިއެކު އަޅުގަނޑާއި ދުރުހެލިވާން ފެށިއެވެ. ބުނަމުން އައީ މަސައްކަތް ބުރައީ ކަމަށެވެ. ޙަޤީޤަތް ފަޅާއެރީ ލޯބިވެރިއަކު ގޮވައިގެން ތިޒޯޓަކަށް ދަތުރުގޮސް އުޅެނިކޮށްފެނުމުންނެވެ. އަޅުގަނޑުގެ ވެރިމީހާގެ ޢާއިލާއިން އެދުވަހު ދަތުރުދިއައީ އަޅުގަނޑުވެސް ގޮވައިގެންނެވެ. އެއީ ވެރިމީހާގެ އަމިއްލަ މަސައްކަތްތައްވެސް އަޅުގަނޑުކޮށްދޭތީ ދަތުރުގައިވެސް މަސައްކަތްކުރުވަން ގެންދިއައީއެވެ. 

އެރޭ ކައިނިމިގެން އެންމެން ނިދަން އޮށޯތީމާ ގޮސް ކޮޓަރިއަށްވަދެ އޮށޯތުމުގެ ބަދަލުގައި އެނދުގައި އިށީނދެލައިގެން ވިސްނަން އިނީމެވެ. "ކިޔަވަން ލިބުނު ފުރުޞަތުވެސް ނަގައިލެވުނީއެވެ. 3 އަހަރުވަންދެން ލިބުނު މުސާރަވެސް ނަގައިލެވުނީއެވެ. ލޯބިކިޔާ ނުބައި ބައްޔަކާއިހުރެއެވެ." 

އެފަދަ ޚިޔާލުތަކެއްގައި އިންދައި ދޮރުގައި ޓަކިޖެހުމުން ހުޅުވިއިރު ހުރީ ވެރިމީހާގެ އަންހެން ދަރިފުޅެވެ. ބުނީ ކޮފީބޯންދަމުން ގޮވައިގެންދާން ބުނެފައި ބައްޕަމެން ހިނގައްޖެކަމަށެވެ.

ކޮފީބޯން ތިބެފައި ބޮސް ސުވާލުކުރީ ގޯސްވެގެން އުޅެނީ ކޮންކަމެއްތޯއެވެ؟ މިއަދާއި މިރޭ ބޮޑު ފިކުރެއްގައި ތިއަ ހުންނަނީ ކީއްވެގެން ހެއްޔެވެ؟ ގޯސްވީ ކޮންކަމެއްތޯއެވެ؟ ޖަވާބުގައި ބުނީމެވެ. "ކޮލެޖުން ކިޔަވަން ލިބުނު ފުރުޞަތު ނަގައިލެވިއްޖެއެވެ. 3 އަހަރު ލިބުނު ފައިސާ އުކައިލެވިއްޖެއެވެ. މުސްތަޤްބަލަށް ކުރި އުންމީދުތައް ބިލާހަކަށްވެއްޖެއެވެ. އެންމެ ދެރައީ އަމިއްލަ ބޭނުންތައް ނުފިއްދައި މައިންބަފައިންނަށްވެސް އެހީތެރިނުވެ ލިބުނު ފައިސާކޮޅު އުކައިލެވުނީތީއެވެ. އަރައިގަންނަން ވަޤުތުކޮޅެއް ނަގާނެއެވެ." 

ބޮސް ބުންޏެވެ. "އަދަބު ތިއަ ލިބުނު ސަބަބު އެނގޭހެއްޔެވެ؟ މައިންބަފައިންނަށް އެހީތެރިނުވީތީއެވެ. ދެންވެސް މައިންބަފައިންގެ ކަންކަން ކުރިއަށް ނެރޭށެވެ. ކޮލެޖަށް ނުދެވި ނުކިޔެވިހުރީތީ ދެރަވާކަށް ނުޖެހޭނެއެވެ. ތިއައީ ވަރަށް ހިތްވަރުގަދަ ޒުވާނެކެވެ. ކިޔެވޭނެއެވެ. ކުރިއަށް ދެވޭނެއެވެ. ދެންވެސް މައިންބަފައިން އިސްކޮށްގެން ނޫނީ އެއްވެސް ކަމެއް ނުކުރާށެވެ!" ބުނެފައި ތެދުވެގެން ދާން ހިނގައިގަތުމުން އަޅުގަނޑުވެސް ތެދުވީމެވެ. އެކަމަކު ބޮސްގެ އަންހެން ދަރިފުޅު އަޅުގަނޑުގެ އަތުގައި ހިފަހައްޓާފައި ބުނީ އަދި މަޑުކޮށްލުމަށެވެ. އެހެން ބުނުމުން އިށީނީމެވެ. އެއީ އޭނާގެ ސެކިޔުރިޓީއަކަށް ބެއިންދީކަމަށް ވިސްނިގެންނެވެ.

އެންމެން ދިއުމުން އޭނާ އަޅުގަނޑާއި ސުވާލުތައް ކުރަންފެށިއެވެ. އަޅުގަނޑު ދެއްކި ވާހަކަތަކުގެ ތަފްޞީލް ކިޔައިދޭން އެދުނީމައި ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އެއިރު އެދެ ލޯބިވެރިން އެހެން މޭޒެއްގައި ތިއްބައި ދައްކައިވެސްލީމެވެ. އޭނާ އަޅުގަނޑަށް ވަރަށް ހިތްވަރުދިނެވެ. ބުނީ ބައްޕަގެ ގާތުގައި ބުނެގެން ކިޔަވައިދޭނެ ކަމަށެވެ. ވަޒީފާގެ ކުރިއެރުންވެސް ހޯދައިދޭނެ ކަމަށެވެ. އިތުރަކަށް އެއްވެސް ވާހަކައެއް ނުބުނެއެވެ.

މިއީ އެއިގެ 4 އަހަރު ފަހެވެ. ކިޔެވިއްޖެއެވެ. އެމްބީއޭވެސް ލިބިއްޖެއެވެ. އިސް މަޤާމެއްވެސް ލިބިއްޖެއެވެ. ލޯބިވާ އަންތބަކުވެސް ލިބިއްޖެއެވެ. އެއީ އަހުރެންނަށް އެހީތެރިވެދިން ބޮސްގެ އަންހެން ދަރިފުޅެވެ. ކައިވެނިކުރީ ލޯބިވެގެން އުޅެފައެއް ނޫނެވެ. ލޯބިވާކަން ހުށަހެޅީ އޭނާއެވެ. ހަފްތާއެއް ނުވަނީސް ކައިވެނިކުރެވިއްޖެއެވެ.

އެހެންވީމާ ބުނެލަން އޮތީ އަޅުގަނޑުގެ ފުރަތަމަ ލޯބިވެރިޔާ އަޅުގަނޑަށް ބޭވަފާތެރިވެ ދެރަދިންކަން ވެގެން މިދިއައީ މިއުފާވެރި ދިރިއުޅުން ލިބުމަށް މަގުފަހިވި ސަބަބު ކަމުގައެވެ.

އަޅުގަނޑުގެ އަނބިމީހާވެސް ކުންފުނީގައި މަސައްކަތްކުރެއެވެ. އެންމެ އުފާވަނީ ފުރަތަމަ ލޯބިވެރިޔާއަކީ އަނބިމިހާގެ ދަށުން މަސައްކަތްކުރާ މުވައްޒިފަކަށްވާތީއެވެ. ނިކަމެތިވެ ޙާލުގައި ޖެހިގެން ބުނީމާ އެވަޒީފާ ހޯދައިދިނީވެސް އަޅުގަނޑެވެ. އޭނާއަށް މިއަދު އަޅުގަނޑުފެނުމުން ވާގޮތެއް އަލުގަނޑަކަށް ނުއެނގެއެވެ. އެއީ އެބާވަތުގެ ވާހައެއް ނުދައްކާތީއެވެ. ހަމަޤައިމުވެސް  އަޅުގަނޑަކަށް އެއްވެސް އުނދަގުލެއް ނުވެއެވެ. އޮފީސްތެރެއިން ބައްދަލުވިޔަސް އަނބިމީހާ ނެތި ބަލައިވެސް ނުލަމެވެ.

 

 

 

- ވަޙީދު / މިއަދުނޫހުގެ ކިޔުންތެރިއެއް 

 

 

 

 

 

 

މިއަދު އޮންލައިން