ށ. ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު 400 މީހުންގެ ޖާގައިގެ 'މަސްޖިދުލް ނޫރު' މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތަކީ އަލްމަރުހޫމް ޙުސައިން ވަހީދު (ފޯކައިދޫ ވަހީދު) ގެ ޚަރަދުގައި ބިނާކުރެވުނު މިސްކިތެކެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު ހުކުރު ނަމާދުގެ ކުރިންނެވެ. މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި އަލްމަރްހޫމް ހުސައިން ވަޙީދުގެ ދަރިކަލުން އަހްމަދު ނަވީން ހުސައިން އެވެ. މި ރަސްމިއްޔާތުގައި ރަށުގެ ކައުންސިލާއި ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑެވެ.
މަސްޖިދުލް ނޫރުގެ ނަމުގައި ބިނާކުރެވުނު މި މިސްކިތަކީ އެއްފަހަރާ 400 މީހުންނަށް ނަމާދު ކުރެވޭނެ ގޮތަށް ތަރައްޤީކުރެވިފައިވާ މިސްކިތެކެވެ. މި މިސްކިތް ބިނާކުރެވިފައިވަނީ އަލްމަރުހޫމް ޙުސައިން ވަހީދުގެ އާއިލާގެ ހެޔޮ އެދުމާއި ޚަރަދުގައެވެ. މިސްކިތް ހުޅުވުމާއެކު، ފޯކައިދޫގެ ރައްޔިތުންނަށް ނަމާދުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދިޔައީއެވެ.
މިސްކިތް ރަސްމީކޮށް ހުޅުވުމަށްފަހު މިއަދުގެ ހުކުރު ޚުޠުބާ ދެއްވައި، ފުރަތަމަ ހުކުރު ނަމާދު އިސްކޮށް ކުރެއްވީ ޝެއިޚް އަޙްމަދު ސަމީރު އެވެ. މިސްކިތް ހުޅުވުމަކީ ރަށުގެ ދީނީ ކަންތައްތައް ކުރިއެރުވުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.