ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ ޖީއެސްޓީ ހިމެނޭ ގޮތަށް 91.8 މިލިއަން ރުފިޔާއަށް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން، ޗައިނާގެ ރޮޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލެ 1 އަދި 2 ގެ ޖުމްލަ 1.1 ކިލޯ މީޓަރުގެ މަގުތައް، 5 މަހާއި 6 މަސް ދުވަހުގެ ތެރޭގައި ހެދުމަށް ވަނީ ހަވާލުކޮށްފައެވެ. އެޗްޑީސީން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން ހުޅުމާލެ 1ގެ ފަސް މަގަކާއި، ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތުން ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މީގެއިތުރުން، ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ މަގުތައް މަރާމާތުކޮށް އަލުން ތާރު އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރެވެ. އަދި ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޖޯވޭޑޮންގުއެވެ. މި މަޝްރޫއަކީ ހުޅުމާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުގެ ފަސޭހަ ތަނަވަސްކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މަޝްރޫއުގެ އަގު ކަމަށްވާ 91,860,829 ރުފިޔާ ދެއްކުމަށް ހަމަޖައްސާފައިވަނީ ކޭޝްފްލޯއަށް ދަތިނުވާނެ ގޮތަކަށެވެ. އެގޮތުން، 50 އިންސައްތަ ފައިސާ އެއް އަހަރަށް ބަހާލައިގެން ދައްކާނެއެވެ. ބާކީ 50 ޕަސެންޓު ފައިސާ ދައްކަން ކަނޑައަޅާފައިވަނީ، 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރަށް ބަހާލައިގެންނެވެ.
https://hdc.mv/press-releases/12