ޙައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ސްޓޯލްތަކަށް ޒިޔާރަތް ކުރުމުގެފުރުސަތު މާދަމާވެސް ލިބޭނެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޙައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ސްޓޯލްތަކަށް ޒިޔާރަތް ކުރުމުގެފުރުސަތު މާދަމާވެސް ލިބޭނެ

ޙައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ސްޓޯލްތަކަށް މާދަމާވެސް ޒިޔާރަތް ކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ވަނީ ހާމަކުރައްވާފައެވެ. ދެ ދުވަހަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި މައުރަޒު، ޢާންމުންގެ ބޮޑު ތަރުޙީބެއް ލިބުމާ ގުޅިގެން އިތުރު ދުވަހަކަށް ދަންމާލުމަށް ވަނީ ނިންމާފައެވެ.

މިއީ، އިސްލާމިކް މިނިސްޓްރީން މި ކޮންފަރެންސް ބާއްވާ ދެވަނަ އަހަރެވެ. މި އަހަރުގެ ކޮންފަރެންސް ބާއްވާފައިވަނީ ޙައްޖާއި ޢުމްރާއާ ގުޅުންހުރި ޚިދުމަތްތައް ދައްކާލުމުގެ މައުރަޒަކާ އެކުގައެވެ. މި މައުރަޒުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ވެސް ވަނީ ބައިވެރިވެފައެވެ. މި ކުންފުނިތަކުން ދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ޢާއްމުންނާއި ޙިއްސާކޮށް، އިސްތިހާރު ކުރުމަށް ޚާއްސަ ސްޓޯލުތައް ވަނީ ބަހައްޓާފައެވެ.

މި މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިނާމު ހޯދުމުގެ ފުރުސަތު ވެސް ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. އެގޮތުން، އާސްނާ އިން ކ.ތުލުސްދޫގެ ފަރާތުން ސްޕޮންސަރ ކޮށްފައިވާ 2 ރޭ އެރަށުގައި ހުރުމުގެ ފުރުސަތު، އަދި އަލް މުސާފިރު ޕްރައިވެޓުގެ ފަރާތުން ގުރުއަތުން ހޮވޭ 10 ފަރާތަކަށް 5 ލީޓަރުގެ 10 ޒަމްޒަމް ފެންފުޅި ދިނުމަށް ވަނީ ނިންމާފައެވެ.

މި މައުރަޒު ބާއްވަމުން ގެންދަނީ އިސްލާމިކް ސެންޓަރުގެ ލޮބީ އޭރިޔާގައެވެ. މާދަމާވެސް މި މައުރަޒު ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 19:00 އާއި ހަމައަށް ކުރިއަށްދާނެއެވެ. ވުމާއެކު، ޙައްޖާއި ޢުމްރާއާ ގުޅޭ ޚިދުމަތްތަކުގެ މައުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ދަޢުވަތު އަރުވާފައެވެ.

މިއަދު އޮންލައިން